Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ވީހާވެސް އަވަހަށް މި ސަރުކާރު ވެރިކަމުން ދުރުކުރަންޖެހޭ

ވީހާވެސް އަވަހަކަށް މި ސަރުކާރު ވެރިކަމުން ދުރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޅ. ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ ކެމްޕޭނު ޖަލްސާތަކުގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ބައެއް ވާހަކަތަކަށް އަޅިއަޅުއްވާލައްވަމުން ސޯލިހު ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުންނާ އެކީ މަސައްކަތް ކުރަން ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނަށް އަންގައި އެގޮތަށް އެކަން ނުކޮށްފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުންފުނިތަކުގެ އިސްވެރިންނަށް އަންގަމުންދާ ކަމަށެވެ.

އަދި ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ކަރަންޓްގެ ހިދުމަތް ދޭންވީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މީސް މީހުންގެ ގެއަށް ކަމަށް ވިދާޅުވެ ފެނަކައިގެ އިސް ވެރިއަކު ދެއްކި ވާހަކަތަކަށް ވެސް ސޯލިހު ރައްދު ދެއްވި އެވެ.

"މިއީ އަސާސީ ހިދުމަތެއްގެ ވާހަކަ މި ދައްކަނީ. މިއަދު ކަރަންޓާ ނުލައި ދިރިއުޅުން ފުރިހަމައެއް ނުކުރެވޭނެ. ތިމަންނަމެންނަށް ވޯޓު ދޭ މީހުންގެ ގޭގެއަށް އެކަންޏޭ ކަރަންޓު ދޭންވާނީ. ކޮން ކަހަލަ ވާހަކައެއްތޯ މި ދައްކަނީ؟ މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ. ރައްޔިތުންނަށް އެކަހަލަ އުނދަގުލާއި ދުއްތުރާ ކުރުމުގެ ވިސްނުން ހުރި ބަޔަކު،" ސޯލިހު ވިދާޅުވި އެވެ.

"ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ [އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައެއް ނޫން މިއީ] މި ބޭފުޅުން މިކަމުން ދުރުކުރުން. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް"

ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާހާ ވެސް ކަމަކީ ދޮގު ހެދުން ކަމަށާއި ރޭގަނޑު ހޭލާ އިންނަވައިގެން ވެސް ކުރައްވާ ކަމަކީ މާދަމާ ހަދާނީ ކޮން ދޮގެއްތޯ ވިސްނުން ކަމަށެވެ.

"އެއާ ގުޅިގެން ޕީއެންސީން ކަންނޭނގެ، ބަޔާނެއް މި ނެރެނީ، އެ ހެދީ ދޮގޭ. ދޮގު ހަދާނެ ނޫންތޯ އެންމެ އިސް ވެރިއަކަށް ހުންނަ މީހާ ވެސް ތަކުރާރުކޮށް، ތަކުރާރުކޮށް ހަދަމުން ގެންދަނީ ދޮގު. ރޭގަނޑު ހޭލާ އިންނަވައިގެން ވެސް ކުރައްވާ ކަމަކީ މާދަމާ ތިމަންނަ ހަދާނީ ކޮން ދޮގެއްތޯ ވިސްނުން. އެ ނޫން ކަމެއް، ނިދިނުކުރައްވާ، އަވަހާރަފުޅުނުލައްޕަވާ ނުކުރައްވާ،" ސޯލިހު ވިދާޅުވި އެވެ.

"މިއަދު މި ހެދުނު ދޮގާ ދޭތެރޭގައި ވިސްނާފައި މާދަމާ ހަދަން ޖެހޭނީ އެއަށް ވުރެ ބޮޑު ދޮގެއްކަން، އެހެންވެ އެއަށް ތައްޔާރުވަނީ ކޮންމެ ރެއަކު"

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 21 ގަ އެވެ.