Last Updated: May 3, 10:09
Friday, May 3, 2024
ޚަބަރު

ރައީސް މުއިއްޒު އަޒުލް ކުރުން ލާޒިމު: ޖަމީލު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލް ކުރުން ލާޒިމު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ ރައީސް މުއިއްޒުއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުތަކެއް މިރޭ ސޯޝަލް މީޑިއާގައި ލީކުކޮށްލުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޖަމީލު ވިދާޅުވީ ޑިމޮކްރަސީ އޮންނަ ކޮންމެ ތަނެއްގައި ގާނޫނީ ހުކޫމަތު ހަމަހަމަކޮށް ހިންގާނެ ކަމަށާއި ވެރިޔެއް، އާންމު މީހެއް ތަފާތު ނުކުރާނެ ކަމަށެވެ.

"ރިޔާސީ ނިޒާމުގައި އަޒުލު ކުރާނެ. ބަރުލަމާނީ ނިޒާމުގައި އިތުބާރު ނެތްކަމުގެ ވޯޓް ނަގާނެ. މި ހެކިތަކުން ޑރ. މުއިއްޒު އަޒުލު ކުރުން ލާޒިމް،" އެ ރިޕޯޓަށް އިޝާރާތް ކުރައްވަމުން ޖަމީލު ވިދާޅުވި އެވެ.

މި ރިޕޯޓުތައް ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ޓްވިޓާގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ. އެ އެކައުންޓުން ވަނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) އަދި ފުލުހުންގެ އިންޓެލިޖެންސުން އެކުލަވާލާފައިވާ ރިޕޯޓުތަކެއް ލީކުކޮށްލާފަ އެވެ. މިއީ 2018 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓުތަކެކެވެ.

މިފަދަ ރިޕޯޓުތަކެއް ލީކުވުމާ ގުޅިގެން ދައުލަތުގެ ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.