Last Updated: May 3, 13:35
Friday, May 3, 2024
ޚަބަރު

ތަރައްގީ ގެންނަން އަބަދު މި ތިބެނީ އެލާޓުގައި

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

ތަރައްގީ ގެންނަން އަބަދުވެސް ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަބަދުވެސް ތިބެނީ އެލާޓުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އައްޑޫ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެންމެ ވަގުތުކޮޅެއް ވެސް ރައްޔިތުންގެ ހިދުމަތުން ދޫކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށާއި ހުރިހާ ވަގުތެއް ވެސް ހޭދަކުރައްވަނީ މިފަދަ ޕްރޮޖެކްޓުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ވަޒީރުންނާއި އަދި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަބަދުމެ މި ތިބެނީ އެލާޓުގައި. ކޮން އިރަކުތޯ އަޅުގަނޑުމެންނާ ގުޅޭ ދާއިރާއަކުން ސުވާލެއް އަންނަނީ. އަބަދުމެ ތައްޔާރަށް، އަބަދުމެ ޑެލިވަރީގައި. މިއީ އަދުގެ ސަރުކާރު ބޭނުންވާ ގޮތަކީ،" އިހުސާން ވިދާޅުވި އެވެ.

ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން އިހުސާން ވިދާޅުވީ ސަރުކާރު ފެށުނުއިރު ބައިވަރު ފައިސާ އޮވެފައި، އެތައް ބައިވަރު ދަރަންޏެއް ނެގި ނަމަވެސް އެއްވެސް ޕްރޮޖެކްޓެއް ނުނިމުމަކީ ސަރުކާރެއްގެ ސްޕީޑު ހުންނަންޖެހޭ ގޮތް ނޫން ކަމަށެވެ. ރައީސް މުއިއްޒަކީ އެންމެ ތިން އަހަރުތެރޭ ކަނޑު ހުރަސްކޮށް ބްރިޖެއް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވި ބޭފުޅެއް ކަމަށާއި ނަމަވެސް ކުރީ ސަރުކާރަށް ފަރުމަތީގައި ވެސް ބްރިޖެއް ނޭޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ދާދި އަވަހަށް އައްޑޫގެ ބްރިޖު ޕްރޮޖެކްޓާއި ހަންކެޑެ ޕްރޮޖެކްޓު ނިމިގެންދާތަން ފެންނާނެ ކަމަށާއި އަދި ރައީސް އައްޑޫ އަށް ވެވަޑައިގެންނެވި އެހެން ވައުދުތައް ވެސް ފުދިގެންދާތަން ފެންނާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ސަރުކާރުން ދޭ ޔަގީން ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.