Last Updated: May 3, 15:50
Friday, May 3, 2024
ޚަބަރު

ގޭގައި ނޯވެ މި ނުކުތީ ރާއްޖެ ހަމަމަގުން ނައްޓާލުމުން

ގޭގައި ނޯންނަވައި މި ނުކުންނެވީ ރާއްޖެ މި ދާ މިސްރާބު އިހުސާސްކުރެވޭތީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މިއަދު ކުރަން ޖެހިފައިވަނީ އެމްޑީޕީ ފެށިގެން އައިއިރު ވެސް ކުރި މަސައްކަތް ކަމަށާއި އެއީ ރާއްޖެ ހަމަމަގުން ނެއްޓިގެންދާތީ ހަމަމަގަށް އެޅުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް ކަމަށެވެ.

"ދަންނަވަންތޯ. އަޅުގަނޑަށް ވެސް ގޭގައި ހަމަޖެހިލައިގެން ހުރެވުނީސް. ވަރަށް ހަމަޖެހިލައިގެން އާއިލާއާއެކީގައި އަރާމުކޮށްލައިގެން ހުރެވުނީސް. އެހެން ނަމަވެސް ރާއްޖޭގައި ވެރިކަން ފަސް އަހަރު ކުރި މީހެއްގެ ހައިސިއްޔަތުން މި ރާއްޖެ މި ދާ މިސްރާބު ކަންތައްތައް ވަމުން މި ދާ ގޮތް އިހުސާސްކުރެވޭތީ މީ ގައި ކަންތައްތަކެއް ކުރަން ޖެހިއްޖެކަން އަޅުގަނޑަށް އިހުސާސް ކުރެވުނު،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވިސްނުމެއް ނެތި ވޯޓުލައި އަދި ނަތީޖާ ނިކުންނަ ގޮތަކުން ހީނުކުރާ ވަރުގެ ދައްޗާއި އުނދަގޫ ކުރިމަތިވާނެ ކަމަށެވެ. އެމްޑީޕީގެ އަމާޒަކީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ނެގުން ކަމަށާއި ކެމްޕޭނަށް ބާކީ ފަސް ދުވަސް އޮތްއިރު މިކަމުގައި ފޯކަސް ގެއްލުވާ ނުލުމަށް ސޯލިހު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ސޯލިހު ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ސަރުކާރަށް ރީތިކޮށް ކުރެވެން އޮތް ނަމަވެސް ސިޔާސީ ފިކުރުގެ ސަބަބުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުން އަނެއްކާވެސް އިޔާދަވާން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ނަގަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ބޭނުންހާ ގޮތަކަށް މީހުން ވަޒީފާ އިން ވަކިނުކުރެވޭނެކަން ގާނޫނީ ގޮތުން ކަށަވަރުކުރުން ކަމަށް ސޯލިހު ވިދާޅުވި އެވެ.