Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

އިހުސާން ހެދީ ދޮގު، ކުށްވެރި ކުރަން: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ކެމްޕޭން އިވެންޓެއްގެ ތެރެއިން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ޑިމޮކްރެޓްސްއާ ގުޅުވައި ދެއްކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒުއަށް ތާއިދުކުރަން ނިންމާ، ރައީސް މުއިއްޒު އަރިހުގައި ދަ ޑިމޮކްރެޓްސް އިން މަސައްކަތްކުރިކަމަށް މިނިސްޓަރު އިޙްސާން ލައިވް ޓީވީގައި ދެއްކެވި ހަގީގަތާއި ހިލާފު ދޮގު ވާހަކަ ކުށްވެރިކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ތާއިދުކޮށްފައެއް ނުވެ އެވެ.

ޑިމޮކްރެޓްސް އިން ބުނީ ދިވެހި އަސްކަރިއްޔާގެ ހަތިޔާރުތަކެއް ފަޅުރަށަކުން ފެނުނުކަމަށް ބުނާ ހާދިސާއާއި، ޑިފެންސް މިނިސްޓަރުގެ ކޮޓަރިކޮޅުން ހަތިޔާރު ފެނުނުކަމަށް ބުނެ ފްރޭމްކުރުމަށް ހިނގާދިޔަ ކަންކަމުގެ ތެރޭގައި އެތައް ފަހަރަކު ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ މި ސަރުކާރުގެ ހޯމް މިނިސްޓަރު އިޙްސާން ފަދަ ދޮގު ހެދުމާއި އޮޅުވާލުމުގެ މާޒީއެއް އޮތް ބޭފުޅެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމީ ހައިރާންކުރުވަނިވި ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމު މަސްއޫލިއްޔަތު މަތިވެފައިއޮތް ވުޒާރާގެ ވަޒީރުގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލެއް ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.