Last Updated: May 3, 13:35
Friday, May 3, 2024
ޚަބަރު

އިންތިހާބަށް ކަޑަޖެހުން ނޫން ކަމެއް ސަރުކާރުން ނުކުރޭ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަޑަޖެހުން ނޫން ކަމެއް މި ސަރުކާރުން ކުރަމުން ނުދާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވުމަށާއި، ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ ވަރަށް ބޮޑެތި ޕްރޮޖެކްޓުތަކެއް ފަށާ ވާހަކަ އާއި އެމްއޯޔޫތަކެއްގައި ސޮއިކުރާ ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް އެމްއޯޔޫތަކަކީ ގާނޫނީ ގޮތުން ދެ ފަރާތް ބަނދެވޭ އެއްބަސްވުންތަކެއް ނޫން ކަމަށާއި ގިނަ އެމްއޯޔޫތަކަކީ ބޭނުން ވަގުތަކު ބަދަލެއް ދިނުމަކާ ނުލާ ދެ ފަރާތުން ސޮއިކުރާ ލިޔުންތަކެއް ކަމަށް އީސަ ވިދާޅުވި އެވެ.

"މިއީ ހަމަ އިންތިހާބަށް ޖަހާ ކަޑަތަކެއް. އިންތިހާބު ހަމަ ނިމޭއިރަށް މި އެމްއޯޔޫތަކުގެ ބޭނުން ދިޔައީ، އެ ޕްރޮޖެކްޓަކީ ކުރިއަށް ހިނގަން އޮތް ޕްރޮޖެކްޓެއް ނޫން،" އީސަ ވިދާޅުވި އެވެ.

އޭގެ މިސާލެއް ދައްކަމުން އީސަ ވިދާޅުވީ ދ. މާދެލީގައި މަސް ފެކްޓްރީއެއް އެޅުމަށް ޗައިނާ ކުންފުންޏަކާ އެކީ ސަރުކާރުން ސޮއި ކުރިއިރު، އެ ރަށަކީ ރިސޯޓެއް ތަރައްގީ ކުރަން އެހެން ކުންފުންޏަކަށް ދީފައިވާ ރަށެއް ކަމަށެވެ. މިއީ ހަގީގަތުގައި ވެސް އަޅަން ބޭނުންވާ މަސް ފެކްޓްރީއެއް ނަމަ އެކަމަށް ދޭ ރަށަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތް ރަށެއްތޯ ނުވަތަ ވިޔަފާރީގެ މުއާމަލާތެއްގެ ދަށުން އެހެން ފަރާތަކަށް ހަވާލުކޮށްފައިވާ ރަށެއްތޯ ވެސް ބަލާނެ ކަމަށް އީސަ ވިދާޅުވި އެވެ.

"މިވަރުގެ މައުލޫމާތެއް ނުބަލާ، އެވަރުގެ ބޮޑު ޕްލޭނެއް ހަދާ، ކުންފުންޏަކާ އެކީ އެއްބަސްވުމެއްގައި ސޮއިކުރާ ހިސާބަކަށް ނުދާނެ. ދާކަމަށް ވާނަމަ މި ސަރުކާރަކީ އެއްގޮތަކަށް ވެސް ދަމަހައްޓަން ހެޔޮވާ ވަރުގެ ސަރުކާރެއް ނޫން،" އީސަ ވިދާޅުވި އެވެ.

މީގެއިތުރުން އީސަ ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި މީހުންނަށް ބިރު ދެއްކުން ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންތިހާ އަށް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.