Last Updated: May 3, 17:51
Friday, May 3, 2024
ޚަބަރު

ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ޔާމީން މިނިވަން ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީއެންއެފްގެ ކެންޑިޑޭޓުންނާ އެކު ކ. އަތޮޅަށް ފުރުމުގެ ކުރިން ވާހަކަދައްކަމުން ޖަމީލު ވިދާޅުވީ ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމް ދެމެހެއްޓުމުގައި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަތް އަޅުއްވާފައިވާ ކަމަށެވެ. ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ދަތުރުކުރާ ގޮތް އެންމެންނަށް ވެސް ސާފު ކަމަށާއި ވެރީން ފޯރުވާ ނުފޫޒުތަކާ ދެކޮޅަށް ތެދުވެވޭނެ ހިތްވަރު ޖުޑިޝަރީގައި ނެތް ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

"ރައީސް ޔާމީނެއް މިނިވަނެއް ނުކުރާނެޔޭ މުއިއްޒު އެއް. ޕީއެންސީ އެއް ނުކުރާނެޔޭ. ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެ ކަމުގައިވާ ނަމަ ހަގީގަތުގައި އެބޭފުޅުންގެ ރޭވުން އޮތީ މި އަނިޔާ ދަމަހައްޓަން. ރައީސް ޔާމީންގެ މައްޗަށް މި އަނިޔާ ދަމަހައްޓަން،" ޖަމީލު ވިދާޅުވި އެވެ.

އާރަށުގެ މުއާމަލާތުގެ މައްސަލައިގައި ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނީ ނިންމާލައިފަ އެވެ. ނަމަވެސް އެ މައްސަލައިގައި ހުކުމް ކުރުމާ ހަމަޔަށް ގޮސްފައި އޮންނަތާ ހަތަރު މަސް ވީއިރު، އެ މައްސަލާގައި އަދިވެސް ހުކުމެއް ނުކުރެ އެވެ.

އެހެންވެ އެކަން ލަސްވާތީ ޔާމީންގެ ގާނޫނީ ޓީމުން ވެސް ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވާއިރު އެމަނިކުފާނުގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ވެސް ކުރީގެ ސަރުކާރުންނެވެ. މި ސަރުކާރުން ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.