Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

އެންޓި-ކެމްޕޭންގެ ހެކި ފޮނުވަން ވަޓްސްއަޕް ނަމްބަރެއް

އަންނަ ހަފުތާގައި ބާއްވާ ރައްޔުތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ތެރޭގައި އެއްވެސް ބަޔަކު އެންޓި-ކެމްޕޭން ކުރާކަން ފާހަގަކުރެވޭ އެ ކަންކަމުގެ ފޮޓޯ ވީޑިއޯ ފޮނުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާއްސަ ނަމްބަރެއް ތައާރަފުކޮށްފި އެވެ.

ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނަ އެއްވެސް ހެއްކެއް ހުރި ނަމަ ވަޓްސްއަޕް ނަމްބަރު 7962129 އަށް ފޮނުވުމަށް އެދިފައިވެ އެވެ.

އީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެންޓި-ކެމްޕޭން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ. އެ ބަޔާނުގައި ބުނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

އެހެންވެ އިންތިހާބުތަކާ ބެހޭ އާންމު ގަވައިދުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރާ ކަމަށް އީސީން ބުންޏެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. ވިހި ވަނަ މަޖިލީހުގެ 93 ގޮނޑިއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.