Last Updated: May 1, 11:56
Wednesday, May 1, 2024
ޚަބަރު

ސަރުކާރުން ކުރަނީ ބިރު ދެއްކުމުގެ ކެމްޕޭނެއް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރުން ކުރަނީ ބިރު ދެއްކުމުގެ ކެމްޕޭނެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އއ. ބޮޑުފުޅަދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ސަރުކާރުން ކުރަމުންދާ ކެމްޕޭނަކީ ހަމައެކަނި ބިރު ދެއްކުމާއި، ނުފޫޒު ފޯރުވުން ކަމަށާއި މަގާމު ގެއްލިދާނެތީ ބިރުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ޖަލްސާތަކުގައި ބައިވެރިވާން ބައެއް ފަރާތްތަކަށް ނުކެރިފައި އެބަތިބި ކަމަށެވެ. މިފަދަ ކަންކަން ހައްލުކުރަން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ބޭނުންވާ ކަމަށާއި އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލިބުމާ އެކީ ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭން ގާނޫނެއް ވުޖޫދު ކުރާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އޭރަކަށް ބޭނުންހާ އިރަކު، ކުންފުނީގެ ވެރިއަކަށް ހުންނަ މީހަކު ނޫނީއްޔާ ސަރުކާރުގެ އިސްވެރިޔަކު ގުޅާލީމާ ގެއަކަށް ފޮނުވައެއް ނުލެވޭނެ. އެގޮތަށް ފޮނުވާލާނަމަ އެ ވަޒީރަކު ވެސް ދާން ޖެހޭނީ ގެއަށް. އަޅުގަނޑުމެން ފޮނުވާލާނަން،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ އަބަދު ވެސް މަސައްކަތަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށާއި ވެރިކަމުގައި ތިއްބަސް އަދި ނެތަސް އިސްކުރާނީ ރައްޔިތުން ކަމަށް ސޯލިހު ވިދާޅުވި އެވެ. މި ސަރުކާރަށް ފުށިދިއްގަރުފަޅަށް އެޅި ފަސްކޮޅު ފިޔަވާ އިތުރު އާ ކަމެއް ނުކުރެވޭ ކަމަށާއި ދެން ކުރާ ކަމަކީ ކުރީ ސަރުކާރުން ކުރި ކަންކަމުގެ ރިބަން ކެނޑުމާއި ސޮއިކޮށްފައި ހުރި އެއްބަސްވުންތައް އަލުން އާކުރުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ނެތޭ ވިސްނުމެއް. ނެތޭ ތަރައްގީ ކުރުމުގެ ވިސްނުމެއް. އެހެންވެ އަޅުގަނޑު މި ދަންނަވަނީ ނަމަނަމަ މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން މިފަހަރު ނުދެއްވައްޗޭ،" ސޯލިހު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 21 ގަ އެވެ.