Last Updated: May 1, 17:19
Wednesday, May 1, 2024
ޚަބަރު

އެމްޑީޕީން ވަކިވާކަށް ނޫޅެން: ރޮޒޭ

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް

އެމްޑީޕީން ވަކިވާން ނޫޅޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ވަކިވާން ނޫޅޭ ކަމަށާއި އަދި އަމުދުން ޕީއެންސީ އަށް ވަންނަން ވެސް ނޫޅުއްވާ ކަމަށެވެ. މިކަން އާންމުކޮށް ހާމަކޮށްދޭން ޖެހުނީ ރާކަނި ކިޔާ ފޭކު ނޫހަކުން އޭނާ އެމްޑީޕީ ދޫކޮށް ޕީއެންސީ އަށް ބަދަލުވާން އުޅޭ ކަމަށް ބުނެ ފެތުރި ހަބަރަކާ ގުޅިގެން މީހުން ސުވާލުކުރަމުންދާތީ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އާދީއްތަ ދުވަހު ހުރިހާ އެންމެން އެމްޑީޕީ އަށް ވޯޓު ދެއްވާ،" ރޮޒެއިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ރޮޒެއިނާ އަކީ ނިމުނު އެމްޑީޕީގެ ސަރުކާރު ދިފާއުކޮށް އެންމެ ގަދައަށް ވާހަކަދެއްކި އެއް ފަރާތެވެ. ނަމަވެސް އެމްޑީޕީގެ މަޖިލިސް ޕްރައިމަރީން ރޮޒެއިނާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ތުލުސްދޫ ދާއިރާގެ ގޮނޑި ފުރުއްވުމަށްފަހު މީދޫ ދާއިރާގެ ގޮނޑި އަށް ރޮޒެއިނާ ފުރަތަމަ އިންތިހާބުވީ 2014 ގަ އެވެ. އަދި 2019 ވަނަ އަހަރު ރޮޒެއިނާ ވަނީ އެ ގޮނޑި ދިފާއުކުރައްވާފަ އެވެ. ރޮޒެއިނާ އަކީ އައްޑޫގެ ފުރަތަމަ އަންހެން މެމްބަރު ވެސް މެ އެވެ.