Last Updated: May 1, 00:08
Tuesday, April 30, 2024
ޚަބަރު

އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުތަކެއް ރޭ ސޯޝަލް މީޑިއާގައި ލީކުކޮށްލުމާ ގުޅިގެންނެވެ.

ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފަށް ވަޒީރު ކަމުގައި ހުންނެވި އިރު ވެސް ކަމެއް ކޮށްފައެއް ނުހުންނާނެ ކަމަށާއި މިއަދު ވެސް އަދި ކުރިއަށް އޮތްތާނގައި ވެސް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ހައްގުގައި، މުދަލުގައި ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲ ސުބުހާނަހޫ ވަތައާލާގެ ކިބައިން ފުއްސެވުމާއި ރުއްސެވުން ލިބުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ރިޕޯޓުތައް ލީކުކޮށްލީ އިދިކޮޅަށް ގޮތް ހުސްވެގެން ކަމަށާއި މިއީ އެމަނިކުފާނު މޭޔަރު އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރުވެސް ދެއްކި ވާހަކަތަކެއް ކަމަށެވެ.

"އެހެންވީމައި ތިބޭފުޅުން ތިގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅުނަސް، ކުރީގައި ވެސް ނުވި ކަމެއް، ދެނެއް ވެސް ނުވާނެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ރިޕޯޓުތައް ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ޓްވިޓާގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ. އެ އެކައުންޓުން ވަނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) އަދި ފުލުހުންގެ އިންޓެލިޖެންސުން އެކުލަވާލާފައިވާ ރިޕޯޓުތަކެއް ލީކުކޮށްލާފަ އެވެ. މިއީ 2018 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓުތަކެކެވެ.

މިފަދަ ރިޕޯޓުތަކެއް ލީކުވުމާ ގުޅިގެން ދައުލަތުގެ ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.