Last Updated: May 1, 13:56
Wednesday, May 1, 2024
ޚަބަރު

އެމްޑީޕީން އުޅެނީ ސަރުކާރު ވައްޓާލަން

އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ސަރުކާރު ވައްޓާލުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންވަނީ ބަދަލު ހިފުމުގެ ރޫހު ރާއްޖެއިން ނައްތާލަން ކަމަށާއި ކުރީގެ ވެރިކަންތަކުން ސިޔާސީ ބޭނުމެއްގައި ރައީސުންނާއި މިނިސްޓަރުން ހައްޔަރުކޮށްފައިވީ ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން އެފަދަ ކަންކަން ނުފެންނާނެ ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން މިހާރު ވެސް ދައްކަނީ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ބަދަލުކުރުމާއި އަޒުލުކުރުމުގެ ވާހަކަތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިބޭފުޅުން ރާއްޖޭގެ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން ކުރީގެ ދިޔަ މިސްރާބު ކަމު ނުގޮސްގެން ދިވެހިންގެ އަތް މައްޗަށް ރާއްޖޭގެ މިސްރާބު ގެނެސްފައި އޮތްވައި އެކަން ކުރަން ފަށައިފައި އޮތް ސަރުކާރެއް އަނެއްކާ ވެސް އެކި ކަހަލަ ހަމަނުޖެހުމުގެ ތެރެއިން ބަދަލުކުރުމާއި، އަޒުލުކުރުމާއި މިކަހަލަ ކަންކަން ކުރުމުގެ ވާހަކަ މިހާރު, އެ ބޭފުޅުންނަށް ކެތް ނުވެގެން އިންތިހާބު ގާތްވާން ފެށީމައި ފާޅުގައި ސާފުކޮށް މި ވިދާޅުވާން ވެސް ފެށީނުންތޯ. އޭގެ ކުރިން ވިދާޅުވީ ޖަވާބުދާރީކުރުވާ ވާހަކަ. ރަނގަޅު ޖަވާބުދާރީ ކުރުވަން ޖެހޭނެ، އެކަމަކު ޖަވާބުދާރީ އެ ލަފްޒު އެ ބޭފުޅުން މާނަކުރަނީ ސަރުކާރު ވައްޓާލުމަށް. ސަރުކާރު ބަދަލުކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ކޮންމެ ފަސް އަހަރަކުން ވޯޓު ލައިގެން ސަރުކާރު ބަދަލު ކުރެވޭނެ ކަމަށާއި ރައްޔިތުން އެ މަނިކުފާނާ ފަސް އަހަރު ތެރޭގައި ކުރުމަށް ޒިންމާތަކެއް ހަވާލުކޮށްފައި ކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ ހުރިހާ ވެސް އަމާޒެއް ހުރީ ވައުދުތައް ފުއްދެވުމަށް ކަމަށާއި މިއީ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ފަސް އަހަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.