Last Updated: May 2, 10:25
Thursday, May 2, 2024
ޚަބަރު

ކުޅުދުއްފުށީ ފެނަކަ މުވައްޒަފުންތަކެއް ސަސްޕެންޑް

ފެނަކަ ކުޅުދުއްފުށީ ބްރާންޗް ހިންގުން ހަވާލުކުރި މަމްދޫހު.

ކަރަންޓް ކެނޑުމުގެ މައްސަލަ މި ފަހުން ވަރަށް ބޮޑަށް ދިމާވެފައިވާ ކުޅުދުއްފުށީގެ ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި އެވެ.

މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ދެ ހަފުތާ އަށް ސަސްޕެންޑްކޮށްފައި ވަނީ ތިން މުވައްޒަފެކެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ބްރާންޗްގެ މި ވަގުތު އިސްވެރިއަކަށް ހުންނެވި އަބްދުލް ހަމީސް އިބްރާހިމް ވެސް ހިމެނެ އެވެ.

އޭނަގެ ސަސްޕެންޑްކޮށް ބްރާންސޗްހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ބްރާންޗްގެ މެނޭޖަރުގެ މަގާމުގައި ހުންނެވި މަމްދޫހު އަލީއާ އެވެ.

ކުޅުދުއްފުށީ ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ސަސްޕެންޑްކުރިކަން އެ ކުންފުނިން ވެސް މިއަދު ކަށަވަރުކޮށް ދީފައިވެ އެވެ. އަދި އެ މީހުން ސަސްޕެންޑްކުރީ ގިނަ މައްސަލަތަކާ ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް މައްސަލައް ބަލަމުންދާތީ އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށް ފެނަކައިގެ މެނޭޖްމަންޓުން ބުނެފައިވެ އެވެ.

ކަރަންޓް ކެނޑޭ މައްސަލައިގައި ކުޅުދުއްފުށީގައި ދާދި ފަހުން މުޒާހަރަކާތެއް ވެސް ކޮށްފައިވާ އިރު، އެ ސިޓީ އަށް އިހުމާލުވެފައިވާ ކަމަށް ބުނެ ފެނަކައިގެ މުވައްޒަފުންތަކެއް ވެސް އަޑު އުފުލާފައިވެ އެވެ.