Last Updated: May 1, 19:56
Wednesday, May 1, 2024
ޚަބަރު

އެކަކަށް ވުރެ ގައުމު ބޮޑު، ކުރިއަށް ދާންވީ ތަރައްގީގެ ފިކުރާއެކު

އެއް ފަރުދަކަށް ވުރެ ގައުމު ބޮޑު ކަމަށާއި ކުރިއަށް ދާންވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ފިކުރާއެކު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ލަމްއާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ލަމްއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާއި އަސްލު ފިކުރު ދޫކޮށްލައިފައި ދިޔައީ އެ ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ނޫން ކަމަށާއި 2018ގެ ވެރިކަން ވައްޓާލަން އުޅުނު ދެމީހެއްގެ ބަހަށް ހެއްލި މި ހުރިހާ ކަމެއް ދޫކޮށްލާފައި ވަޑައިތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

"ދިވެހިރައްޔިތުންނޭ، ތިޔަލޮބުވެތި ރައްޔިތުންގެ މުޅި ހަޔާތް އެންމެ ފަރުދަކަށްޓަކައި ނުވަތަ ރައީސް ޔާމީންއަށްޓަކައި ބޭކާރުކޮށްލަން ނުޖެހޭނެ. ދިވެހިރާއްޖެ މި ލޮބުވެތި ޤައުމު އެއްފަރުދަކަށް ވުރެ ބޮޑު. އެއް ފަރުދަކަށް ވުރެ މުހިއްމު އެއް ފަރުދަކަށް ވުރެން ބޮޑަށް ހިމާޔަތްކުރަންޖެހޭ. މުޅި ޤައުމު ފަނާކޮށްލި ބަޔަކާ އެއްކޮޅަށް ވާހަކަފުޅުދައްކާ ބޭފުޅުންގެ ވިސްނުންއެހެރީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން،" ލަމްއާން ވިދާޅުވި އެވެ.

ލަމްއާން ވިދާޅުވީ ރައީސް މުއިއްޒާއި ލީޑަޝިޕާއި ސަޕޯޓަރުންގެ ފިކުރަކީ "އެންމެ ފުރަތަމަ ގައުމު" ކަމަށާއި މި ޤައުމަށް ވުރެ ބޮޑުވާން މި ޤައުމަށް ވުރެން މުހިއްމު ކަމަށް ދެއްކެން އުޅޭ އެއްވެސް ބައެއްގެ ފިޔަގަނޑު ދަށު ނުވުމަށް ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.

"މީ ދިވެހީންގެރާއްޖެ، މީ ކުރިއަށް ދާ ފިކުރު. މީ ތަރައްޤީގެ ފިކުރު. މީ މައްދިވެހީންގެ ފިކުރު. އިހުލާސްތެރިކަމަކީ ކަނު އެއްޗަކަށް ބަލައިގެން އުޅެގެން ނުވާނެ. އެއީ ފައިސާ ފޮއްޗަކަށް ނުވަތަ ވެރިކަމުގެ ލައޒަތާ އަރާމާ ޝާނާޝައުކާތު ހޯދުމަށް ފެންބޮވައިގަނެފަ އޮންނަ އެއްޗަކަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ލަމްއާން ވަނީ ދެންވެސް ޕީޕީއެން ޕީއެންސީގައި ތިއްބެވި ބޭފުޅުންނަށް ވުރެ ތެދުވެރި އިހުލާސްތެރި އެންމެ ފަރުދެއް ވެސް ރައީސް ޔާމީނުގެ ފަހަތުގައި މިހާރަކު ނެތް ކަމަށާއި އަދި ނުވެސް އުފެދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބަސްބުނަން ޖެހޭތާ ބަސްބުނުމަކީ ޤައްދާރުވުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.