Last Updated: May 1, 16:50
Wednesday, May 1, 2024
ޚަބަރު

ޖުޑިޝަރީގައި އަދިވެސް އޮތީ އެމްޑީޕީގެ ކޮންޓްރޯލް

ޖުޑިޝަރީގައި އަދިވެސް އޮތީ އެމްޑީޕީގެ ކޮންޓްރޯލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ފަރާތުން މިރޭ މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ އަށް މިހާރު ސަރުކާރުގެ ނުފޫޒެއް ނުހިނގާނެ ކަމަށާއި ނަމަވެސް ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ޖޭއެސްސީގެ ކޮންޓްރޯލް އަދިވެސް އޮތީ އިދިކޮޅު އެމްޑީޕީގެ އަތުގައި ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްވާތީ އެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިތާ ދެތިން ދުވަސްތެރޭ އެ މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލުކޮށްފައިވާ ކަމަށާއި މިއޮތްހާ ދުވަހު އެ މައްސަލަ ލަސްކުރީ ވެސް އެމްޑީޕީން ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.

"ޖޭއެސްސީގެ ރައީސަކީ އެމްޑީޕީގެ ބޭފުޅެއް. މަޖިލީހުގެ ރައީސް އިހަށް ދުވަހު މި މައްސަލަ ޖޭއެސްސީ އަށް ލާނަމޭ، ހަމަ ވިދާޅުވެފައި ދެތިން ދުވަސްތެރޭގައި ޝެޑިއުލް ވީމާ އެބަ އިނގޭ އެބޭފުޅުންގެ ކޮންޓްރޯލް އަދިވެސް ޖުޑިޝަރީ ތެރޭގައި ހިންގާ ވަރު. ވަރަށް ހިތާމަ ހުރި ކަމެއް،" ރައީސް ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް ސިޔާސީ ނުފޫޒުން އެ ކޮމިޝަން މިނިވަން ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ކުރެވޭނީ އެ ވިސްނުމުގައި ތިބި ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށެވެ. އެގޮތުން ޖޭއެސްސީގައި ސިޔާސީ މީހުން ތިބެން ބޭނުން ނުވާ ކަމަށާއި މިކަން ކުރުމަށް މަގުފަހިކޮށްދެވެން އޮތީ ރައްޔިތުން އިންތިހާބުކޮށްދޭ މަޖިލީހަކުން ކަމަށްވެސް ވިދާޅުވި އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުން މާދަމާ އަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާދަމާ މެންދުރު އެވެ.