Last Updated: May 1, 00:08
Wednesday, May 1, 2024
ޚަބަރު

ސިޔާސީ މަގުސަދަށް ވަޒީފާއިން ވަކިކުރުން ކުށަކަށް ހަދާނަން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެ ނަމަ ސިޔާސީ މަގުސަދަށް ވަޒީފާއިން ވަކިކުރުން ގާނޫނީ ކުށަކަށް ހަދާނެ ކަމަށް އެމްޑީޕީގެ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އާރުޑީސީގެ މުވައްޒަފަކަށް ވަޒީފާގެ ބިރު ދެއްކި ވާހަކަ އާއްމު މީހަކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ހިއްސާކުރާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކުރަމުންނެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ އަށް ތާއީދުކުރާ ރައްޔިތުންނަކީ އެހެން ދައްކަވާހާ ބިރަކަށް ސިހޭނެ ބައެއް ނޫންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިނުލައްވާތީ ހިތާމަކުރާ ކަމަށާއި ރައްޔިތުންނަކީ އެހެން ދައްކަވާހާ ބިރަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށެވެ. އެމްޑީޕީއިން ހޯދައިދިން މިނިވަންކަމަކީ ބިރު ފަހަނައަޅާ ގޮސް ހޯދި މިނިވަންކަމެެއް ކަމަށާއި ސަރުކާރުން ވަޒީފާ ހަތިޔާރަކަށް ހަދާ ބިރުދެއްކުމަކީ ވަރަށް ފިނޑި އަދި ހުތުރު ކަމެެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ވިހި ވަނަ މަޖިލީހަށް އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެނަމަ ސިޔާސީ މަގްސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅާ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައިވާ ފަދަ ގާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ކަށަވަރުކޮށްދޭނަން،" ފައްޔާޒު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް އެމްޑީޕީން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.