Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ސިޓީ ކަޓުވާލުމަށް ފަހު ރެއާލް ސެމީ އަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި މިރޭ ޕެނަލްޓީގައި މެންޗެސްޓާ ސިޓީ 4-3 އިން ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ރެއާލްގެ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓްގައި ރޮޑްރިގޯ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ރޮޑްރިގޯ މި ގޯލު ކާމިޔާބު ކުރީ ސިޓީގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ސިޓީގެ ކީޕަރު އެޑަސަން ދިފާއުކުރުމުން ދެވަނަ ފަހަރަށް ލިބުނު ބޯޅަ ހުސް ގޯލަށް ވައްދާލައިގެންނެވެ.

ރެއާލުން ލީޑު ނެގުމާއެކު ނަތީޖާ އެއްވަރުކުރަން ސިޓީން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން ސިޓީގެ ފޯވާޑް އާލިން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ސިޓީން ދުރުން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ރެއާލްގެ ކީޕަރު ލުނިން ވެސް ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ހުއްޓުމެއް ނެތި ރެއާލްގެ ފަހަތަށް ސިޓީން ދިޔައީ ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 76 ވަނަ މިނެޓްގައި ކެވިން ޑި ބްރޭނާ ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ ފަހު 10 މިނެޓްތެރޭ ސިޓީ އަށް ލީޑު ނަގައިދޭން ވެސް ޑި ބްރޭނާ އަށް ރަނުގެ ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް ރެއާލްގެ އޭރިއާ ތެރޭ ހުހަށް ހުރެ ޑި ބްރޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 90 މިނެޓް ކުޅެ ނިމުނު އިރު ދެ ޓީމު ވެސް 1-1 އިން އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އެ ދެ ހާފް ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.

ޕެނަލްޓީގައި ރެއާލް މެޑްރިޑުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކުރި އެވެ. ރެއާލްގެ ޕެނަލްޓީތައް ވައްދާލީ ޖޫޑް ބެލިންހަމް އާއި ލޫކަސް ވަޒްކުއޭޒް އާއި އެންޓޯނިއޯ ރުޑިގާގެ އިތުރުން ނާޗޯ ފެނާންޑޭޒް އެވެ. ރެއާލަށް ކާމިޔާބު ނުކުރެވުނީ ލޫކަ މޮޑްރިޗް ޖެހި ޕެނަލްޓީ އެވެ. އޭނާ ޖެހި ޕެނަލްޓީ މަތަކުރީ ސިޓީގެ ކީޕަރެވެ.

ސިޓީން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. ސިޓީގެ ޕެނަލްޓީތައް ކާމިޔާބު ކުރީ ޖޫލިއަން އަލްވަރޭޒް އާއި ފިލް ފޮޑެންގެ އިތުރުން ކީޕަރު އެޑަސަން އެވެ. އެޓީމުގެ ބަނާޑޯ ސިލްވާ އާއި މަޓެއޯ ކޮވަސިޗް ފޮނުވާލި ޕެނަލްޓީތައް ރެއާލްގެ ކީޕަރު ލުނިން ވަނީ މަތަކޮށްފަ އެވެ.

މިއީ މި މުބާރާތުގެ ސެމީ އަށް ރެއާލް ދަތުރުކުރި 33 ވަނަ ފަހަރެވެ. މި މެޗުން ބަލިވުމުން މި ސީޒަނުގައި ތިން ތަށި ހޯދުމަށް ސިޓީން ކުރަމުން އައި އުއްމީދުތައް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. ސިޓީ އަށް މި ސީޒަނުގައި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ.

ސެމީފައިނަލްގައި ރެއާލް ބައްދަލުކުރާނީ ޖަރުމަނުގެ ބަޔާން މިއުނިކްއާ އެވެ.