Last Updated: May 1, 18:05
Wednesday, May 1, 2024
ކުޅިވަރު

ބަޔާން އަތުން ބަލިވެ އާސެނަލް ކަޓައިފި

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި މިރޭ ބަޔާން މިއުނިކް އަތުން 1-0 އިން ބަލިވެ މުބާރާތުން އާސެނަލް ކަޓައިފި އެވެ.

މި ދެ ޓީމު މިދިޔަ ހަފްތާގައި އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބަޔާން ސެމީ އަށް ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިފި އެވެ.

މިއީ 2020 ވަނަ އަހަރަށް ފަހު ބަޔާން މުބާރާތުގެ ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި ބަޔާން ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑްއާ އެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އާސެނަލްގެ ގެބްރިއަލް މާޓިނެއްލީ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ބަޔާންގެ ކީޕަރު މެނިއަލް ނޯޔާއާ ދިމާލަށެވެ.

ދެވަނަ ހާފުގައި ބަޔާނުން އާސެނަލްގެ ފަހަތަށް ދިޔައީ ބާރުބޮޑު ކުރަމުންނެވެ. އެގޮތުން އެޓީމުގެ ލިއޯން ގޮރެޓްޒްކާ އާއި ރަފޭލް ގުރޭރޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވަނީ އަމާޒުވެފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބަޔާނަށް މެޗުގެ 63 ވަނަ މިނެޓްގައި ޖޯޝުއާ ކިމިޗް އެވެ. ގުރޭރޯ އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ކިމިޗް މި ގޯލު ކާމިޔާބު ކުރީ ބޮލުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މިއީ މުބާރާތުގެ ސެމީ އަށް ބަޔާން ދަތުރުކުރި 13 ވަނަ ފަހަރު ކަމަށްވާއިރު، މުބާރާތުން ކެޓުމާއެކު މި ސީޒަނުގައި އާސެނަލަށް ދެން ހޯދެން އޮތީ ޕްރިމިއާ ލީގު އެކަންޏެވެ. ލީގުގެ ދެވަނައިގައި އާސެނަލް މިވަގުތު އޮތްއިރު އެއްވަނައިގައި މެންޗެސްޓާ ސިޓީއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް މިހާރު އެބައިނެވެ.