Last Updated: May 1, 14:38
Wednesday, May 1, 2024
ޚަބަރު

ހުކުމުގެ ޝަރީއަތަށް ބެންޗު ހަމަވާނެތޯ ސުވާލު އުފެދޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުމަށް މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ފަނޑިޔާރުންގެ ބެންޗު ހަމަވާނެތޯ ސުވާލު އުފެދޭ ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުން މިއަދަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މިއަދު މެންދުރު އެވެ.

ހުކުމް އިއްވާ ޝަރީއަތް މިއަދު އޮންނާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔާމީން މިއަދު މިނިވަން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ރޭ އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ޝުކުރު ދަންނަވާ ކަމަށާއި ނަމަވެސް އޭގެ އަނެއް ފުށުގައި ވެސް ކަމެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑު ހަމަ ހިތާހިތާ ސުވާލު ކުރަން، މާދަމާ ބެންޗު ހަމަވާނެތޯ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކޯޓަށް އަންނަން ކިޔާފައިވީ ނަމަވެސް ތިން ބޭފުޅުން ތިއްބަވާ ބެންޗު ހަމަވާނެތޯ ނޫނީއްޔާ މީގެކުރިން ވެސް ކަން ހިނގާފައިވާ ގޮތަށް ބައެއް ބޭފުޅުން ސަލާމް ބުނެފައި ތިއްބަވާ ގޮތަށް ތިބޭނީތޯ އެއީ އުފެދޭ ސުވާލެއް ކަމަށެވެ. އަދި ބެންޗު ހަމަ ނުވާނަމަ ކޮންމެވެސް ކަހަލަ ކަންތައްތަކެއް އުޅެނީ ކަމަށާއި އެހެންވެއްޖެ ނަމަ ކޮވިޑަށް ވުރެ ވެސް ބޮޑު ހާލަތެއް މެދުވެރިވީ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ މިއަދުގެ ޝަރީއަތަށް ބެންޗު ހަމަވޭތޯ ނުވަތަ ނޫންތޯ ބަލަން ރައްޔިތުން ފާރަވެރިވުމަށް ވެސް ގޮވާލާފަ އެވެ. އަދި އެމަނިކުފާނު މިނިވަން ވާނެތޯ ނުވަތަ އިތުރަށް ހުކުމް ދަމަހައްޓާނެކަން ވެސް އެނގޭނީ ބެންޗު ހަމަވެގެން ކަމަށް ވިދާޅުވެފަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލާފަ އެވެ.

ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް އެމަނިކުފާނަށް ގެއްލިވަޑައިގަތެވެ.