Last Updated: May 1, 11:15
Wednesday, May 1, 2024
ޚަބަރު

ފްލެޓްތައް ނިންމަން އިތުރަށް 454 މިލިއަން ބޭނުންވޭ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި "ފަހި ދިރިއުޅުން" ފްލެޓުގެ މަސައްކަތްތައް ނިންމަން އިތުރަށް 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި އޭނަ ވިދާޅުވީ އެ މަޝްރޫއުގެ ތެރޭގައިި ސްކޯޕްގައި ގިނަ ކަންތައްތައްތަކެއް އޮތީ ނުހިމަނައި ކަމަށެވެ. އޭގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި، ސެކިއުރިޓީ ސިސްޓަމްތަކާއި، ޓަވަރުތަކާއި ކުއްޔަށް އުޅޭ ފަރާތްތަކަށް އިންޓަނެޓާއި އެހެނިހެން މީޑިއާކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕީއޯއެން ނެޓްވޯކް، ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑް ސްކޭޕިންގގެ މަސައްކަތްތައް ފަދަ މުހިންމު ހިދުމަތްތަކާއި ވަސީލަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ހަމްދާން ވިދާޅުވީ މިދިޔަ ވެރިކަމުގައި ނުކޮށް ހުރި މަސައްކަތްތައް ނިންމުމަށް އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި އެ މަސައްކަތްތަކަށް ފައިނޭންސިން ހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރީގެ ސަރުކާރުގެ ފަހުކޮޅު ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ކުންފުންޏަކާ ހަވާލުކޮށްގެން 32 ހައުސިން ޓަވަރު އަންނަނީ އަޅަމުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން 4،000 ހައުސިން ޔުނިޓު ތަރައްގީ ކުރާއިރު، އެ ޔުނިޓުތައް ހަވާލުކުރާނީ ކޮންމެހެން ބޭނުންވާ، ޒަރޫރީ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.