Last Updated: May 1, 12:45
Wednesday, May 1, 2024
ޚަބަރު

ގައުމީ އިނާމަށް ދެ ދާއިރާއެއް އިތުރުކޮށްފި

ގައުމީ އިނާމަށް މި އަހަރު އާ ދާއިރާ އަށް އިތުރުކޮށް އަންނަ ހަފުތާގައި އިނާމަށް ހުޅުވައިލަން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ މި މަހުގެ 23 ގައި ކަމަށެވެ. އިނާމާ ބެހޭ ކޮމިޓީން މިހާރު ވަނީ އިނާމު ދޭން ނިންމާފައިވާ ދާއިރާތަކާއި ރޮނގުތަކާ ބެހޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުން ޚިޔާލު ވެސް ހޯދައިފަ އެވެ.

އެގޮތުން އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ވަނީ ދެ ދާއިރާއެއް އިތުރުކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ ތެރެއިން އެއް ދާއި ރާއަކީ، ދިވެހި ޤައުމިއްޔަތުގެ ދާއިރާ އެވެ. ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ރާއްޖެއަށް ވެހިކުރުން ހިމެނެ އެވެ.

އަނެއް ދާއިރާ އަކީ، ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާ އެވެ. އެ ދާއިރާ އިން އިނާމު ދިނުމުގައި ބަލާ ގޮތަށް ހަމަޖެހިފައި ވަނީ އެ މީހަކަށް ލިބިފައިވާ ޚާއްޞަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމަޢުން ބަލައިގެންފައިވާ ޚާއްޞަ ޚިދުމަތަށާއި، ދިވެހި ދައުލަތުގެ ޙިމާޔަތުގައި ކޮށްފައިވާ ޚާއްޞަ ޚިދުމަތަށެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ، ޚިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަށެވެ.

ޤައުމީ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ޤައުމީ އިނާމު ދޭނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.