Last Updated: May 1, 06:19
Wednesday, May 1, 2024
ޚަބަރު

ވީއައިއޭގައި ކާގޯގެ ހިދުމަތްތައް އޮންލައިންކޮށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ކައުންޓަރުތަކުން މިހާރު ދެމުން އަންނަ ކާގޯ ހިދުމަތްތަކާ ގުޅޭ ފައިސާގެ މުއާމަލާތްތައް ކައުންޓަރުން ދިނުން އަންނަ ޖޫންގައި ހުއްޓައިލަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ކައުންޓަރުން ދެމުން އަންނަ އެ ހިދުމަތް އަންނަ ޖޫން 1 އިން ފެށިގެން ހުއްޓައިލުމަށް ފަހު، އެ ތާރީހިން ފެށިގެން ކާގޯގެ ހިދުމަތްތަކާ ގުޅޭ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށެވެ.

އެގޮތުން ހާއްސަ ޕޯޓަލްއެއް، ކާގޯ އޭޖެންޓް ޕޯޓަލްގެ ނަމުގައި ބޭނުން ކުރަން ފަށާނެ ކަމަށް ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެ ޕޯޓަލް މެދުވެރިކޮޮށް ފައިސާ ދެއްކުމަށް ޕީޑީ އެކައުންޓްގެ ޚިދުމަތަށް އެދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް އޮންނާނެ ކަމަށެވެ. އޭޖެންޓް ޕޯޓަލް މެދުވެރިކޮށް ޕޭމަންޓް ބަލައިގަންނާނީ އެމުދަލެއްގެ ޑޮކިއުމެންޓޭޝަން ފުރިހަމަކޮށް، ކާގޯ ޓެލީ މަރުހަލާ ނިމުމުންނެވެ.

އެގޮތުން އެ މަސައްކަތްތައް ފުރިހަމަ ކުރާނެ ވަގުތުތަކަކީ:

* ޕެރިޝަބަލް ކާގޯ: ފްލައިޓް ޖައްސާ ވަގުތުން ފެށިގެން 3 ގަޑިއިރު
* ޖެނެރަލް ކާގޯ: ފްލައިޓް ޖައްސާ ވަގުތުން ފެށިގެން 6 ގަޑިއިރު

ކާގޯ އޭޖެންޓް ޕޯޓަލްގެ ޚިދުމަތް އެމްއޭސީއެލްގެ ކާގޯގެ ކަސްޓަމަ ސާވިސް އޭރިއާގައި ބަހައްޓާފައިވާ ކިއޮސްކު މެދުވެރިކޮށް ވެސް ލިބޭނެ އެވެ. އެ ކުންފުނިން ބުނީ ކަނޑައަޅާފައިވާ ވަގުތުގެ އިތުރަށް އެއްވެސް ލަސްކަމެއް ނުވަތަ މައްސަލައެއް ދިމާވާ ނަމަ ކަސްޓަމަ ސާވިސްގެ ނަމްބަރު 7420225 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެމްއޭސީއެލުން ބުނީ މި ބަދަލާ އެކީ ކާގޯ އޭޖެންޓް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިއަށް ވުރެ އަވަސްކޮށް އަދި ފަސޭހަ ޚިދުމަތެއް ދެވޭނެ ކަމަށެވެ.