Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ފަށައިފި

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހިޔާޓަވަރު 2 ގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއު ނިމޭއިރު ޖުމުލަ 32 ލިފްޓް ހިޔާ ޓަވަރުތަކުގައި ހަރުކުރެވޭނެ އެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖަރ ލިފްޓަކާއި، ސްޓްރެޗަރ ލިފްޓެކެވެ.

ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕް އާއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

މި މަޝްރޫއު އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.