Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ޔާމީނަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

ރައީސް ނަޝީދު އަދި ރައީސް ޔާމީން- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލުކުރުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔާމީނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޔާމީނަށް ނަޝީދު މަރުހަބާ ދެންނެވީ މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލާފަ އެވެ.

މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނީ ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމުގައި ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރި ކަމަށް ކަނޑައަޅާފައިވާ ބައި އަދި މަނީލޯންޑަރިިން ކުށުގެ ބައި ބާތިލުކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މިއީ ދަށު ކޯޓަކުން ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމެއް މަތީ މަރުހަލާ ކޯޓަކުން ބާތިލުކުރި ދެވަނަ ފަހަރެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ފަހަރު އިއްވި ޖަލު ހުކުމުން އެ މަނިކުފާނު މިނިވަންވެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.

ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް އެމަނިކުފާނަށް ގެއްލިވަޑައިގަތެވެ.