Last Updated: May 2, 20:59
Thursday, May 2, 2024
ޚަބަރު

އިންތިހާބަށް ފުލުހުން ހިންގާ އޮޕަރޭޝަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ ޓައިޑް" ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި އެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ސުޖާޢު ދެއްކެވި ވާހަކަފުޅުގައި، މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުލުހުންނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވެފައިވާކަމަށް ވިދާޅުވި އެވެ. އަދި މިމަސައްކަތް ހަވާލުކުރެވިފައިވާ ޓީމުން، ވަރަށް ފުރިހަމައަށް މިމަސައްކަތްކޮށް ދެއްވާފައިވާކަން ފާހަގަކުރައްވައި، އޮޕަރޭޝަން ކޮމާންޑަރަށާއި ޓީމަށް ޝުކުރު އަދާކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަމާން އޮމާންކަމާއެކީ، ވޯޓްލާން އަންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާ އިންތިޚާބެއްގެ ގޮތުގައި ފަށައި، އެގޮތުގައި އިންތިޚާބުގެ ކަންކަން ނިމިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވި އެވެ. އަދި މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވާ ހަރަކާތަކަށްވުމާއެކު ކޮންމެ ފުލުހަކު އެފުލުހަކަށް ހަވާލުކުރެވިފައިވާ މަސައްކަތް ވަރަށް އިހްލާސްތެރިކަމާއެކު އަދާކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި ވޯޓުލާ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު ވޯޓުލާން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރައްވާއިރު ހިނިތުންވުމާއެކު ރީތި ބަހުން މުއާމަލާތްކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން މިފަދަ ކޮންމެ ފުރުސަތަކީ ފުލުހުންގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކުރައްވައި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެއްކުމަށް ހުޅުވިގެންދާ ދޮރަކަށްވާއިރު އެފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ފުލުހުންގެ ކިބައިން ސީޕީ އެދިވަޑައިގެންނެވި އެވެ.

މި ބްރީފިން އާއެކު ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން “ ބްލޫ ޓައިޑް” ގެ އޮޕަރޭޝަން ފޭސްގެ މަސައްކަތްތައް މުޅި ރާއްޖޭގައި ފަށައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަކަމަށްވާ ލެވަލް 3 އަށް މަތިކޮށްފަ އެވެ.