Last Updated: May 2, 19:20
Thursday, May 2, 2024
ޚަބަރު

ޔާމީން މިނިވަންވުމުން އަދުރޭގެ ޝުކުރު މުއިއްޒަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލުކުރުމުން، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފި އެވެ.

އަދުރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ރައީސް މުއިއްޒު ސާބިތުކޮށް ދެއްވާފައިވާ ކަމަށާއި ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންޞާފު ލިބޭނެކަން ވެސް ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

އަދި ޝަރުޢީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީޢަތް ކުރުމުގެ ފުރުޞަތު އޮތް ދާއިރާއެއްކަން ވެސް ރައީސް ޔަގީންކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ ޢަމަލާ ދިމާވާ ވެރިން،" އަދުރޭ ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލާފަ އެވެ.

މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނީ ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމުގައި ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރި ކަމަށް ކަނޑައަޅާފައިވާ ބައި އަދި މަނީލޯންޑަރިިން ކުށުގެ ބައި ބާތިލުކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް އެމަނިކުފާނަށް ގެއްލިވަޑައިގަތެވެ.