Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ޝުއާއުގެ ވާހަކަތައް އަނެއްކާ ވެސް ދޮގުކޮށްފި!

ޕީއެސްއެމް އިން ބޭއްވި މަޖިލިސް އިންތިޚާބުގެ ބަހުސްގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ދެއްކެވި ވާހަކަތައް އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް ދޮގުކޮށްފި އެވެ.

މިއީ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ޝުއާއު ބަހުސްގައި ދެއްކެވި ވާހަކަތައް ކައުންސިލުން ދޮގުކުރި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ ތެރޭގައި ބޭއްވި މަޖިލިސް ބަހުސްގައި ޝުއާއު ވަނީ އައްޑޫން ދޫކުރި 1،000 ގޯތި ދޫކުރީ އޭނާ ކަމަށާއި ދެން ވެސް ގޯތި ދޭނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަކީ އެއްހާސް ގޯތި ދޭނެކަމަށް ބުނެ އެކަން ކުރުވި މީހާ. އަޅުގަނޑަކީ ބާކީ ހުރި 1508 ގޯތި ހިތަދޫ ދޭނެ ކަމަށް ބުނެ ހިތަދޫ ފަސްގަނޑުން މަސައްކަތް ކުރަމުން އެ ދަނީ." ބަހުސްގައި ޝުއާއު ވިދާޅުވެފައިވެ އެވެ.

އޭނަ އެ ވާހަކަތަކާ ގުޅިގެން ބައެއް ކައުންސިލަރުންނާއި ރައްޔިތުން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ޝުއާއު ދެއްކެވި ވާހަކަ ތަކާއި ގުޅިގެން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން ކައުންސިލުން ދިން ޖަވާބުގައި ބުނީ އައްޑޫން ދޫކުރި ބިން ދޫކުރުމުގައި ޝުއާއުގެ ޚާއްސަ ދައުރެއް ނެތް ކަމަށެވެ.

މިއަދު އަނެއްކާ ވެސް ކައުންސިލުން ނެރުނު ބުނެފައި ވަނީ ކައުންސިލުން ނިންމާ އެއްވެސް ނިންމުމަކީ ވަކި ކައުންސިލަރެއް އަމިއްލައަށް ނިންމާ ނިންމުމެއް ނޫން ކަމަށެވެ. އަދި ކައުންސިލްގެ ކޮންމެ ނިންމުމަކީ ވެސް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުންތަކާޢި މުޅި ކައުންސިލްގެ އެންމެހައި މެންބަރުންގެ މެދުގައި މެންބަރުންގެ ވޯޓުން ފާސްކޮށްގެން ނިންމާ ނިންމުން ތަކެއް ކަމަށެވެ.

ކައުންސިލުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ވަނީ އައްޑޫ ކައުންސިލާ ގުޅޭ ގޮތުން ޒިއްމާދާރުކަން ކުޑަކޮށް ކައުންސިލް ބަދުނާމުވާ ގޮތަށް ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.