Last Updated: May 2, 21:43
Thursday, May 2, 2024
ރިޕޯޓް

ހުކުރު ދުވަހުގެ މާތްކަމުގެ ބައެއް ވާހަކަތައް

އައްޑޫ ހިތަދޫގެ މިސްކިތެއް. ފޮޓޯ/ އަހުމަދު ފާރިސް

މާތް ﷲ ވަނީ ބައެއް މަސްތައް އެހެން މަސްތަކުގެ މައްޗަށް މާތް ކުރައްވައިފަ އެވެ. އަދި ބައެއް ދުވަސްތައް އެހެން ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައިފަ އެވެ. އެގޮތުން މާތް ﷲ ވަނީ ހުކުރު ދުވަސް، ހަފުތާގެ އެހެން ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައިފަ އެވެ.

އަބޫ ހުރައިރާ(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ.

”خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا وَلاَ تَقُومُ السَّاعَةُ إِلاَّ فِي يَوْمِ الْجُمُعَةِ‏“‏ (ޞަޙީޙް މުސްލިމް)

މާނައީ: ”އިރު އެދުވަހެއްގެ މައްޗަށް އަރާ އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. އެ ދުވަހު އާދަމުގެފާނު ހެއްދެވުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އަދި ހަމައެދުވަހު އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ. އަދި ހުކުރުދުވަހުގައި މެނުވީ ޤިޔާމަތް ޤާއިމްނުވާހުއްޓެވެ.“

އަދިވެސް އެތައް ޙަދީޘްފުޅުތަކެއްގައި އެދުވަހުގެ މާތްކަން ބަޔާންވެގެން އައިސް ފައިވެއެވެ. އައުސް ބިން އައުސް(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ.

”إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ..“ (ރިވާކުރެއްވީ އަބޫދާއޫދު 1047- އަލްއަލްބާނީ ޞައްޙަކުރައްވާފައި)

މާނައީ: ”ހަމަކަށަވަރުން ދުވަސްތަކުގެ ތެރެއިން އެންމެމާތް ދުވަހަކީ ހުކުރުދު ވަހެވެ. އެ ދުވަހު އާދަމުގެ ޢަލައިހިއްސަލާމް ހެއްދެވުނެވެ. އަދި އެކަލޭގެފާނު އަވަހާރަވީ ހަމަ އެދުވަހުއެވެ. އަދި ތާޅަފިލި ފުއްމެވޭ ނީވެސް އެ ދުވަހު އެވެ. އަދި ޤިޔާމަތް ވާނީ ވެސް ހަމަ އެ ދުވަހު އެވެ.“

މަސްދަރު: އިލްމު.އެމްވީ