ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ޔާމީން މާދަމާ ފުވައްމުލަކު ސިޓީ އަށް ވަޑައިގަތުމަށް ނިންމައިފި އެވެ.
ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިރޭ ވަނީ ބާތިލުކޮށްފަ އެވެ.
ޕީއެންއެފުން ބުނީ އެ ޕާޓީގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން މިރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީން މާދަމާ އެ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޔާމީންގެ ތާއީދާއެކު ފުވައްމުލަކު ސިޓީ އަށް ކެންޑިޑޭޓުންތަކެއް ނެރެފައިވާއިރު އޭގެއިން އެއް ކެންޑިޑޭޓަކަށް ތާއީދުކުރަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.
ޔާމީން، ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުންނެވީ ފުވައްމުލަކު ސިޓީގަ އެވެ. އެ ސިޓީގައި މިރޭ ކެމްޕޭނު ޖަލްސާއެއް ވެސް ރައީސް އަންނަނީ ބާއްވަމުންނެވެ.