Last Updated: May 2, 21:43
Thursday, May 2, 2024
ކުޅިވަރު

ޔޫރޮޕާ ލީގުން ލިވަޕޫލް ކަޓައިފި

ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗުން އެޓަލާންޓާ އަތުން 1-0 އިން މޮޅުވި ނަމަވެސް މުބާރާތުން ލިވަޕޫލް ކަޓައިފި އެވެ.

ލިވަޕޫލްގެ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު އެޓަލާންޓާ އިން ވަނީ 3-0 އިން ކާމިޔާބުކޮށްފަ އެވެ. އެއާއެކު އެޓީމު މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ 3-1 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތްވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ލީޑު ފުޅާކޮށްދޭން ސަލާހަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް މި ހާފުގައި އެޓަލާންޓާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ.

މުބާރާތުން ކެޓުމާއެކު މި ސީޒަނުގައި ލިވަޕޫލަށް ދެން ހޯދެން އޮތީ ޕްރިމިއާ ލީގު އެކަންޏެވެ. ލީގުގެ ތިންވަނައިގައި ލިވަޕޫލް މިވަގުތު އޮތްއިރު އެއްވަނައިގައި މެންޗެސްޓާ ސިޓީއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް މިހާރު އެބައިނެވެ.

ލިވަޕޫލުން ވަނީ މި ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.