Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ރައީސާ އެންމެ ގާތުގައި ވާނީ އަޅުގަނޑު، ވަފާތެރިވާނެ

ރައީސް މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދިމާވާ ކޮންމެ ކަމެއްގައި އެމަނިކުފާނުގެ އެންމެ ގާތުގައި ހުންނަވާނީ އޭނާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އޭނާ އަކީ ރައީސް މުއިއްޒުގެ އެންމެ އިސް ވަޒީރޭ ބުނުމުން ލަދުން ބޯފަޅައިގެން ބަޔަކު ދިޔަ ނަމަވެސް ކުރާނެ ކަމެއް ނެތް ކަމަށާއި ރައީސް މުއިއްޒަށް ދިމާވާ ކޮންމެ ކަމެއްގައި އެމަނިކުފާނާ އެންމެ ގާތުގައި ހުންނަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ގައިގައި އެ ހިތްވަރު ހުންނާނެ. އެ ކެރުންތެރިކަން ހުންނާނެ. އެ އިހުލާސްތެރިކަން ހުންނާނެ. އެ ވަފާތެރިކަން ހުންނާނެ،" އަދުރޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުން އަދުރޭ ވަނީ މައްސަލައަކީ އިހުލާސްތެރިން ވަކިކުރަން ނޭނގުން ކަމަށާއި އިހުލާސްތެރި އަދި ވަފާތެރިންނަކީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ. އަދި މި ވެރިކަން ގެނައީ ވެސް އެ ލީޑަޝިޕުން ކަމަށާއި ޔާމީން ގެއަށް ބަދަލުކުރީ ވެސް ހަމަ އެ ލީޑަޝިޕުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މިއަދު ޕީޕީއެމްގެ ސަރުކާރެއް އޮވެ، އެ ސަރުކާރުގެ ނުފޫޒެއް ނެތި މިނިވަންކަމާ އެކީގައި އެމްޑީޕީ ސަރުކާރުން ދެމުންދިޔަ އަނިޔާ އިން ރައީސް ޔާމީން މިނިވަންވެ ވަޑައިގަތީމާ އެކަމާ އަޅުގަނޑު އުފާކުރަން. އެމަނިކުފާނަށް ނުހައްގުން އަނިޔާ ދިނީ އެމްޑީޕީން،" އަދުރޭ ވިދާޅުވި އެވެ.

މީގެއިތުރުން އަދުރޭ ވަނީ އެ ދުވަހު އެމްޑީޕީން ކުރި ކަންކަން ޔާމީނަށް މިއަދު އެނގިވަޑައިނުގަތުމުން އެކަމާ ދެރަވާ ކަމަށްވެސް ވިދާޅުވެފަ އެވެ.