Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ގައުމު އިސްލާހު ވާނީ ރައްޔިތުން އިސްލާހުވެގެން

ވިއްކައިލާ ވޯޓަކީ ކެވޭ އަލިފާން ކަމަށާއި އެހެންވެ ގައުމުގެ ރައްޔިތުން އިސްލާހުވާން ޖެހޭ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

އަންނަ އާދީއްތަ ދުވަހު މަޖިލިސް އިންތިހާބުގައި ވޯޓްލާން ތައްޔާރުވަމުން އަންނަ އިރު، ބައެއް ފަރާތްތަކުން ފައިސާ ދީގެން ވޯޓް ގަތުމާއި ވޯޓް ވިއްކާ މީހުންގެ މައްސަލަ އޮތްކަން ފާހަގަކުރައްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޒައިދު ވިދާޅުވީ ގައުމު އިސްލާހު ކުރެވޭނީ ފުރަތަމަ، ރައްޔިތުން އިސްލާހުވެގެން ކަމަށެވެ.

"ވޯޓް ގަނެ ވިއްކުމުގެ ވިޔަފާރިއާ ދުރުހެލިވާން އެބަޖެހޭ. ވަރަށް ގިނަ މީހުންގެ އެންމެ ފުރަތަމަ ބަހަކަށް ވެސް ވަނީ މަށަށް ލިބެނީ ކޯޗެއްހޭ؟" އޭނަ ވިދާޅުވި އެވެ. "އެހެން ނަހައްދަވާ. ރިޝްވަތުގެ ފައިސާގައި ޖެހުނީމަ އެ ކެވެނީ އަލިފާން."

ވިހި ވަނަ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މިހާރު އަންނަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރަމުންނެވެ. މީގެ ތެރޭގައި ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ. މި ކެމްޕޭންގެ ތެރޭގައި ވޯޓް ގަނެވިއްކުމުގެ ކަންކަން ހިނގަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މަޖިލީހުގެ 93 ދާއިރާ އަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.