Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އާރްޑީސީގެ އޮފީހެއް އައްޑޫގައި ހުޅުވައިފި

އައްޑޫ ހިތަދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީހެއް ހުޅުވައިފި އެވެ.

މި އޮފީސް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދެވެ. އެ ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރާއި އެ ކޯޕަރޭޝަންގެ އިސްވެރިނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިންނާއި އައްޑޫގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އާރްޑީސީގެ އޮފީހެއް އައްޑޫގައި ހުޅުވާފައިވާ އިރު އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން 100 ކިލޯ މީޓަރުގެ ތެރެއިން 60 މީޓަރުގައި ސިމެންތި ލޭޔަރެއް އަޅައިގެން ހެދި މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައި ވަނީ އާރްޑީސީއާ އެވެ. މިއީ 18 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު އައްޑޫގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާއިންނެވެ. އަދި އެމްޓީސީސީން ވެސް އައްޑޫގެ ހުޅުމީދޫގެ މަގުތަކެއް ކުރިން ހަދާފައިވެ އެވެ.