މި ސަރުކާރުން މާލޭ ސިޓީ އަށް ދައްކަނީ ދަޅައެއް ކަމަށާއި ކުދި ރަށްތައް ބާކީކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ނިންމުމަށް ބޭއްވި "މިސްރާބު ހަމަމަގަށް" ޕެރޭޑުގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރުގައި ރާއްޖެތެރޭގެ ރަށްތައް ތަރައްގީ ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ސަރުކާރުގައި އޮތީ ކުދި ރަށްތައް ބާކީކުރުމުގެ ވިސްނުން ކަމަށެވެ. އަދި މާލެ އަށް ވެސް ދައްކަނީ ދަޅައެއް ކަމަށާއި އެކަން ފުށިދިއްގަރުފަޅު ފެނުމުން އެނގޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"ހުރިހާ ކަމެއް ކުރައްވަމުން އެ ގެންދަވަނީ ހަމަ މި ވޯޓަށް އެކަނި،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބު ނިމުމުން ސަރުކާރުން ދެން ދައްކާނީ ކައުންސިލްގެ މެޖޯރިޓީ ދިނުމުގެ ވާހަކަ ކަމަށާއި އަދި އޭގެ ފަހުން 2028 ގެ އިންތިހާބު ކަށަވަރު ނުވަނީސް އެއްވެސް ކަމެއް ކުރެވެން ނެތް ކަމުގެ ވާހަކަތައް ކަމަށެވެ. މި މަޅީގައި ރައްޔިތުން މިފަހަރު ނުޖެހުމަށާއި މަޖިލީހުގެ މެޖޯރިޓީ އަނެއްކާވެސް އެމްޑީޕީ އަށް ދިނުމަށް ސޯލިހު ގޮވާލެއްވި އެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ފޯރިއާއެކު ކުރިއަށްދާއިރު، އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފަ އެވެ.
މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.