Last Updated: May 3, 22:21
Friday, May 3, 2024
ރިޕޯޓް

ހިތަދޫ އުތުރަށް ދިރުން ގެންނަން މި ފަހަރު ސައީދު!

އައްޑޫ ސިޓީ ހިތަދޫ އަށް އުފަން އަހުމަދު ސައީދަކީ ރައްޔިތުންނާ ގުޅޭ ހިތްހެޔޮ އަދި ވަކިން ހާއްސަކޮށް ހިތަދޫ އުތުރު ދާއިރާގެ ގިނަ ބަޔަކު ދަންނަ ދެކެފަރިތަ މޫނެކެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީ ވުޖޫދުވީއްސުރެ އެ ޕާޓީއާއެކު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވި ސައީދު އެމްޑީޕީ ދޫކޮށް އައްޑޫ ސިޓީ ކައުންސިލްގެ މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަމަށް ހޮވި ވަޑައިގަތީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ. އަދި މިފަހަރު ރައްޔިތުންގެ މަޖިލީހަށް ނިކުންނަވަނީ ވެސް އަމިއްލަ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

އެންމެންގެ އެކުވެރިޔާ، މައްސަލަތަކަށް ހައްލު ހޯދުމުގައި އަވަދިނެތި

މިފަހަރުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރާ ހަތް ކެންޑިޑޭޓުންގެ ތެރެއިން ސައީދަކީ ދާއިރާގެ ރައްޔިތުންނާ އެންމެ ގުޅުން ރަނގަޅު ކެންޑިޑޭޓޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއް ފަހަރު ދާއިރާގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ގަވާއިދުން ބަލަމުންދާއިރު، ދާއިރާގެ ރައްޔިތުންނާއި ސައީދާއި ދެމެދު އޮންނަނީ އެއްބަޑު އެއްބަފާ ކަމުގެ ގުޅުންހާ ވެސް ގާތް ގުޅުމެކެވެ.

ސަޢީދު ވަނީ ކައުންސިލްގެ މި ދައުރުގައި އައްޑޫގެ މަގުތައް ހެދުމުގައި ވަކިން ޚާއްޞަކޮށް އުތުރު ދާއިރާގެ މަގުތައް ހެދުމުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި މަޝްވަރާ ހޯދައިގެން އެކަން ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކުގެ ސަމާލު ކަމަށް ގެންނަން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. ސައީދު ކުރެއްވި މަސައްކަތަކާއެކު މަގުތަކަށް ގެނެވުނު ބަދަލުތަކުގެ ފަސޭހަކަން މިއަދު އެ ދާއިރާގެ ރައްޔިތުން އުފަލާއެކު ބަލައިގަނެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން އާންމު ހިދުމަތްތައް ހޯދަން ރަށުގެ އެއްކޮޅަށް ދާންޖެހޭ ޖެހުމަކީ ވެސް ސައީދުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. އެގޮތުން ހިތަދޫ އުތުރަށް ފަތާ ޓްރެކަކާއި ބޭންކުގެ އޭޓީއެމްއެއް ގެންނަން ކުރަންޖެހޭ މަސައްކަތްތައް ސީދާ ސައީދުގެ އިސްނެގުމުގެ މަތިން ވަނީ މިހާރުވެސް ފަށާފަ އެވެ. އަދި އެ ނިމުނީއެއް ނޫނެވެ. ސައީދު ދެއްވާ ޔަގީން ކަމަކީ އައްޑޫގައި އެތައް ޒުވާނުންނެއް ވަޒީފާ އަދާކުރަމުންދިޔަ އަދި މިހާރު ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް މަޖިލީހަށް އިންތިހާބުވުމާ އެކީ ހޯދާނެ ކަމުގެ ޔަގީން ކަމެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެފަހުން އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ސައީދު ވަނީ އައްޑޫ އަށް ބޭނުންވާ މުހިއްމު ކަންކަމަށް ރައީސްގެ އަރިހުން އެދިވަޑައިގަންފަ އެވެ. އޭގެތެރޭގައި އެސްޓީއޯ އިން ވިއްކާ މުދަލާއި ހެލާއި ހެލިވެލި އަދި ތެޔޮ މާލޭގެ އަގުތަކާއި އެއްވަރަށް ނުވަތަ އެއަށް ވުރެ އަގުހެޔޮކޮށް ދެވޭނެ ގޮތެއް ހޯދައިދިނުމަށާއި ޑޮލަރު އޭޓީއެމް އެއްގެ ހިދުމަތް ލިބޭނެ ގޮތް ހަދައިދޭން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގަންފަ އެވެ.

މަޖިލީހަށް ހޮވަންވީ ކީއްވެ؟

ހިތަދޫ އުތުރު ދާއިރާ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ތަމްސީލު ކުރި ޕާޓީތަކުގެ އެކި ވެރިކަންތައް ނިމިގެން ގޮސްފައިވާއިރު ވެސް ދާއިރާގެ ގިނަ ކަންކަން އަދިވެސް ހުރީ ވަރަށް ފަހަތުގަ އެވެ. ކޮންމެ އިންތިހާބާ ދިމާކޮށް ވެސް މޮޅެތި ވައުދުތަކާއި ފޮނި ވާހަކަތައް ކެންޑިޑޭޓުން ދައްކާއިރު، އިންތިހާބަށް ފަހު އެ ވާހަކަތައް ވެގެންދަނީ ބިލާހަކަށެވެ.

ފާއިތުވި 20 އަހަރު ތަކުރާރުވަމުންދިޔަ މި ކަންކަން ބަދަލުކޮށް ދާއިރާގެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ސައީދު ހުންނެވީ ތައްޔާރަށެވެ. ސައީދަކީ ދާއިރާގައި ގިނަ ވަގުތު ހޭދަކޮށް، ދާއިރާގެ މަޝްވަރާ އޭރުވެސް، މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ހޯދާނެ ފަރާތެވެ. މަޖިލިސް ކެމްޕޭނުގެ ތެރޭގައި ގުޅުމުން އެކަނި ފޯނަށް ޖަވާބުދޭ މީހާއަށް ވުމުގެ ބަދަލުގައި ސައީދަކީ ރައްޔިތުންގެ ކޮންމެ ވަގުތަކު ގުޅިޔަސް ފޯނަށް ޖަވާބު ދޭނެ ދާއިރާގެ ގާތް އެކުވެރިޔާ އެވެ. ދާއިރާގެ ކޮންމެ ރައްޔިތަކަށް ވެސް ކަމެއް ޖެހިއްޖެ ނަމަ އެކަމެއް ހައްލުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ސައީދު ހުންނަވާނެ އެވެ. މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު އެވެ.

ދާއިރާގެ ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތް ކުރުމަކީ އިންތިހާބީ މަގާމުތަކަށް ހޮވޭ ފަރާތްތަކަށް އޮތް ޒިންމާއެއް ކަމަށްވާއިރު މި ޒިންމާ އަދާކުރުމުގައި މިހާރުވެސް ސައީދަކީ ލާމަސީލު ނަމޫނާ އެކެވެ. މިހާރުވެސް ކޮންމެ ހުކުރު ދުވަހަކު ދާއިރާގެ ރައްޔިތުންގެ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު އަހުވާލު ބެލުމުގައި ވަގުތު ހޭދަކުރާއިރު، ސައީދު ދެއްވާ ޔަގީން ކަމަކީ މަޖިލީހަށް އިންތިހާބު ވިޔަސް ރައްޔިތުންނާއި ދެމެދު މިހާރު އޮންނަ ގާތްކަން އެގޮތުގައި ބަހައްޓާނެ ކަމުގެ ޔަގީން ކަމެވެ.

ދާއިރާ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖު

ސައީދު ވިދާޅުވި ގޮތުގައި އޭނާ ނުކުންނަވަނީ މާޔޫސްވެފައި ތިބި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ވެސް އުފާވެރި އަދި ފޮނި އުއްމީދަކާއެކުގަ އެވެ. އެހެންކަމުން އޭނާ ބަލައިގަނެ އޭނާ ހޮވުމުން ރައްޔިތުންނަށް އޭގެ މަންފާ މުސްތަޤުބަލުގައި ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ސައީދުގެ އެދުމަކީ މި ގޮނޑި މިފަހަރު ރައްޔިތުންގެ ގޮނޑި އަކަށް ހަދައިދިނުމެވެ. ސިޔާސީ ވަކި ޕާޓީއެއްގެ ނުފޫޒުގައި ބަނދެވިފައި ހުންނަ މެމްބަރަކު އިންނަވާ ގޮނޑި އަކަށް މި ގޮނޑި ވެގެން ދިޔުން ނިމުމަކަށް ގެންނަން ޖެހެ އެވެ. ޕާޓީން ބުނާހާ ގޮތަކަށް ހަދަން ނުޖެހި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން މަސައްކަތް ކުރާނެ މެމްބަރަކު އިންނަވާ ގޮނޑި އަކަށް މި ގޮނޑި ހަދައިދޭން ސައީދު ހުންނެވީ ތައްޔާރަށެވެ.