Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު

މާދަމާގެ ވޯޓަކީ ޑިމޮކްރަސީއަށް ދޭ ވޯޓަކަށް ހަދާ: ސޯލިހު

މާދަމާ ބާއްވާ މަޖިލިސް އިންތިހާބުގައި ލާ ވޯޓަކީ ޑިމޮކްރަސީއަށް ދޭ ވޯޓަކަށް ހަދަން އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާ އޮންނަ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ ބޭފުޅުން ހެނދުނު ހެނދުނާ ނުކުމެވަޑައިގެން, ކަސިޔާރުވެފައިވާ މިޤައުމުގެ މިސްރާބު ހަމަމަގަށް އެޅުވުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މާދަމާގެ ވޯޓަކީ އަޅުގަނޑުމެން އެންމެންކުރި ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި މިރާއްޖޭގެ ކުރިމަގަށް ދޭ ވޯޓެއް،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ފޯރިއާއެކު ނިންމާލިއިރު، އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅުނު ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފަ އެވެ.