މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލާ ވޯޓަކީ މިނިވަންކަން ކަށަވަރުކުރަން ދޭ ވޯޓަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ޕީއެންސީ/ޕީޕީއެމް މަޖިލީސް ކެމްޕޭނު ނިންމާލުމަށް ބޭއްވި ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭނުންވަނީ ގައުމުގައި މާތްވެގެންވާ އިސްލާމްދީނުގެ ނޫރު ގުގުމާލުމާއެކު އިސްލާމްދީނަށް ނަސްރު ދިނުމަކީ ފަހުރަކަށް ހެދުން ކަމަށާއި އެކަން ކުރިއަށް ގެންދިއުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.
އެ ބާރަކީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކަށް ވެފައިވާ ކަމަށާއި އެ ވޯޓަކީ، ގައުމުގެ މިނިވަންކަމާއި، ރައްކާތެރިކަން ޔަގީންކުރުމަށް ދެވޭ ވޯޓަކަށް ވާތީ، އެ ޔަގީންކަން ކަށަވަރު ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ގޮވާލެއްވި އެވެ.
"ގައުމުގެ ކަންކަން ނިމުމުގެ ބާރު މިއޮތީ އަޅުގަނޑުމެންގެ އަތްމަތީގައި. ޖަހާ ފާހަގައެއްގެ ސިފައަށް މި އޮންނަނީ. އެ ފާހަގަ ހައްދަވައިދެއްވަންވީ އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ޔަގީންކޮށް، އަޅުގަނޑުމެންގެ ގައުމުގެ ރައްކާތެރިކަން ހުރިހާ މާނައެއްގައި ކަށަވަރުކުރުމަށް ދެވޭ ވޯޓަކަށް،" ރައީސް ވިދާޅުވި އެވެ.
ގައުމުގެ ކަންކަން ހެޔޮ ގޮތުގައި ކުރުމަށް މާދަމާގެ ވޯޓަކީ ޒިންމާދާރު ކަމާއެކީގައި މުސްތަގުބަލަށްޓަކައި ނިންމަންޖެހޭ ވޯޓަކަށް ހަދައިދިނުމަށާއި މި ސަރުކާރު އައީ ސީރިއަސް މަސައްކަތެއް ކުރަން ކަމަށްވާއިރު ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ނަތީޖާ ނެރެދެވޭނީ ސަރުކާރު ތާއީދުކުރާ މެމްބަރުން މަޖިލީހަށް ހޮވައިގެން ކަމަށްވެސް ވިދާޅުވި އެވެ.