Last Updated: May 6, 17:39
Monday, May 6, 2024
ޚަބަރު

ކައިޒީން އަނެއްކާ ވެސް ކޯޓަށް

ދޯންޏެއްގެ މިލްކުވެރިކަމުގެ މައްސަަލައެެއްގައި ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ ސެލެބްރިޓީ ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބުނުވުމުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ކައިޒީން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ އެވެ. އެހެންވެ ދައުވާކުރީ އެ ބޯޓު ކައިޒީންގެ ނަމަށް ބަދަލު ކުރުމަށެވެ.

އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކުރި ހުކުމްގައި ބުނީ، ކައިޒިންގެ ބައްޕަގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތު ނުވާ ކަމަށެވެ. އެއީ އެ ބޯޓު ގަތުމަށް ކައިޒީން ފައިސާ ދިން ގޮތާއި އަދަދާ މެދު ހެކިވެރިޔާގެ ހެކި ބަހުގައި ވެސް ފުށުއެރުންތަކެއް ހުރުމުން ހެކިވެރިޔާއާ މެދު ސުވާލު އުފެދޭތީ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ، ސިވިލް ކޯޓުން މައްސަލަ ނިންމީ ކައިޒީން އެދުނު ގޮތަށް އެ ބޯޓުގެ މިލްވެރިފަރާތަކީ އޭނާ ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށެވެ.

މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް މައްސަލަ ބަލައިގަތުމާމެދު ހައި ކޯޓުން އަދި އެއްވެސް ގޮތެއް ނުނިންމަ އެވެ.