Last Updated: July 27, 09:39
Saturday, July 27, 2024
މުނިފޫހިފިލުވުން

"އެނިމަލް ޕާކް" ގެ ޝޫޓިން 2026 ގައި

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ ސީކްއެލް "އެނިމަލް ޕާކް" ގެ ޝޫޓިން ފަށާނީ 2026 ގައި ކަމަށް ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ބުނެފި އެވެ.

އޭނަ ބުނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއްގެ އިތުރުން ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި ފިލްމުގެ ދެވަނަ ބައި ވާނީ ފުރަތަމަ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ފިލްމަކަށް ކަމަށެވެ. "އެނިމަލް" ގައި ދައްކުވައި ދީފައި ވަނީ ބައްޕައަކާއި ފިރިހެން ދަރިއަކާ ދެމެދު މާ ބޮޑު ގުޅުމެއް ނެތުމުން، އެ ކުއްޖާ ވަރަށް ރުންކުރު މީހެއްގެ ގޮތުގައި ބޮޑުވުމުން ދިމާވާ ހާދިސާތަކެވެ.

މި ފިލްމުގެ ކާސްޓްގައި އަނިލް ކަޕޫރް، ރަޝްމިކާ މަންދަނާ، ބޮބީ ޑިއޯލް އަދި ޓްރިޕްތީ ދިމްރީ ފަދަ ތަރިން ހިމެނެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރި "އެނިމަލް" އަކީ 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ބޮކްސް އޮފީހުގައި ފިލްމަށް 920.82 ކްރޯޑް ރުޕީސް (110.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.

"އެނިމަލް" ގައި ކުޅުނު ރޯލުން ރަންބީރަށް މި އަހަރުގެ ފިލްމުފެއާ އެވޯޑްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައިވެ އެވެ.

ދެހާސް ސައްބީހުގައި "އެނިމަލް ޕާކް" ގެ މަސައްކަތް ފަށަން ނިންމި އިރު، ސަންދީޕް ދެން ޑައިރެކްޓްކުރާނީ ޕްރަބާސްއާ އެކީ ހަދަން ނިންމާފައިވާ "ސްޕިރިޓް" އެވެ.

ރަންބީރްގެ ކުރިއަށް ހުރި ފިލްމުތަކަކީ ނިތޭޝް ތިވާރީގެ "ރާމާޔާން" އާއި ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އެވެ.