Last Updated: May 4, 17:35
Saturday, May 4, 2024
ޚަބަރު

އަވަހަށް ވޯޓުލާ، ވަގުތު އިތުރު ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް އަވަހަށް ނިކުމެ ވޯޓުލުމަށާއި، ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8 އިން ހަވީރު 17:30 އަށެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ވާރޭ ވެހުނަސް އަދި ހޫނު ގަދަވިޔަސް ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށާއި 17:30 ގެ ކުރިން ކިއުއަށް އަރާ ފަރާތްތަކަށް ވޯޓުލާ ނިމެންދެން ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ގިނައިރު މީހުން ކިއުގައި މަޑުކުރަން ނުޖެހި ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ބަދަލެއް ގެނެސްފައިވާ ކަމަށާއި އެގޮތުން މިހާރު ކަނޑައަޅާފައިވާ ގޮތުން ފޮށްޓަކަށް ގިނަވެގެން ވޯޓު ލާނީ 500 މީހުން ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވަނީ އަވަހަށް ނިކުމެ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސް ނިންމުމަށް އިލްތިމާސްކޮށްފަ އެވެ. އަވަހަށް ނިކުމެ ވޯޓުލުމުން ކިއުގައި ނުޖެހި ވޯޓުލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މި އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާ އިރު، މި ފަހަރު ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބެހެއްޓީ ތިން ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ. އެ ގައުމުތަކުގައި ވެސް ވޯޓްލުން ކުރިއަށް ގެންދަނީ ރާއްޖޭގައި ވެސް ވޯޓްލާން ކަނޑައަޅާފައިވާ ގަޑިތަކާ ދިމާވާ ގޮތަށެވެ.