Last Updated: May 6, 12:13
Monday, May 6, 2024
ޚަބަރު

ސްކޫލަކަށް ބެލެނިވެރިންތަކެއްގެ ފަރާތުން މިސްކިތެއް

ރ. އިނގުރައިދޫ ސްކޫލުގެ ބެލެނިވެރިންތަކެއް އެ ސްކޫލްގައި މިސްކިތެއް ބިނާކޮށްފި އެވެ.

ހަތަރު ބެލެނިވެރިއެއްގެ ބިނާކުރި 65 ދަރިވަރުންގެ ޖާގައިގެ މިސްކިތް ހުޅުވައި މިހާރު ވަނީ ބޭނުން ވެސް ކުރަން ފަށައިފަ އެވެ.

އިނގުރައިދޫ ސްކޫލްގެ ގޯތި ތެރޭގައި މިސްކިތް ބިނާކޮށް ދިނީ ބެލެނިވެރިންތަކެއް ކަމަށްވާ އިނގުރައިދޫ ރަނައުރާގޭ
މުޙައްމަދު މުސްތަފާ އާއި އެ ރަށު ވައިޖެހޭގޭ ރަފީއު މުހައްމަދުފުޅާއި އެ ރަށު މިރުސްމާގޭ އިލްޔާސް އަލީގެ އިތުރުން ތ. ކަނޑޫދޫ ފީރޯޒް އަޙްސިމް މޫސާ އެވެ.

ފަސްލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ބިނާކުރި މިސްކިތް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އިއްޔެ މިސްކިތް ހުޅުވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދެވެ.

ދަރިވަރުންނަށް ސްކޫލްގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސުމަށާއި ނަމާދަށް ސަމާލުކަން ދޭން ޖެހޭކަން އަންގައި ދިނުމުގެ ގޮތުން ސްކޫލަށް މިސްކިތެއް ހަދިޔާ ކުރީތީ ހަތަރު ބެލެނިވެރިންނަށް އިނގުރައިދޫ ސްކޫލުގެ ޕްރިންސިޕަލް ސަޢީދު އިބްރާހިމް ވަނީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

އޭނަ ވިދާޅުވީ، ދެ ދަންފަޅިއަށް ކިޔަވައިދެމުން އަންނަ ސްކޫލުގައި ނަމާދު ކުރުމުގެ ދަތިކަން އެ ސްކޫލަށް އިންތިހާއަށް އޮތް ކަމަށާއި ދަރިވަރުންނާއި މުވައްޒަފުންނަށް ސްކޫލުގެ ތެރޭގައި މިހާރު ނަމާދު ކުރަން ކުރިން ކުރަމުން އައި ތަކުލީފަށް ދެން އުފުލާކަށް ނުޖެހޭނެ ކަމަށެވެ.

ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ އިނގުރައިދޫ ސްކޫލަކީ 365 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ.