Last Updated: May 4, 09:06
Saturday, May 4, 2024
މުނިފޫހިފިލުވުން

ޒީނަތު ދެއްކި ވާހަކައަކުން ބޮޑެތި ފާޑުކިޔުންތަކެއް!

ކައިވެނި ކުރުމުގެ ކުރިން ލޯބިވެރިޔާ ދަސްކުރަން އެކީގައި އުޅުން ނުވަތަ ލިވް-އިން ރިލޭޝަންޝިޕަކީ މިހާރުގެ ޒުވާނުން ކުރަން ޖެހޭ ކަމެއް ކަމަށް އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން ބުނުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި 72 އަހަރުގެ ބަތަލާ ބުނީ ކައިވެންޏެއް މިހާރު ދެމަހެއްޓުމަކީ މާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެންވެ ތިމާ ކައިވެނިކުރަން އުޅޭ މީހާ ރަނގަޅަށް ދަސްކުރުމުގެ ގޮތުން ކައިވެނީގެ ކުރިން އެކީގައި، އެއް ފުރާޅެއްގެ ދަށުގައި އުޅެން ޖެހޭ ކަމަށް ބުންޏެވެ.

ލިވް-އިން ރިލޭޝަންޝިޕަކީ ވަރަށް ބޮޑަށް ގަބޫލުކުރާ އުސޫލެއް ކަމަށާއި އަމިއްލަ ދެ ފިރިހެން ދަރިންނަށް ވެސް ދޭ ނަސޭހަތަކީ އެއީ ކަމަށް ޒީނަތު ބުންޏެވެ.

އޭނަގެ މި ވާހަކަތަކާ ގުޅިގެން އެންމެ ފުރަތަމަ ފާޑުކީ ކުރީގެ މަޝްހޫރު ބަތަލާ އަދި އެކްޓަރު ފަރުދީން ޚާންގެ މައިދައިތަ މުމްތާވެ. އޭނަ ބުނީ ޒީނަތުގެ އެ ވާހަކަ އަށް ތާއިދު ނޫން ކަމަށާއި ލިވް-އިން ރިލޭޝިންޝިޕަކުން ކައިވެންޏެއް ކާމިޔާބު ވެދާނެ ކަމަށް ގަބޫލު ވެސް ނުކުރާ ކަމަށެވެ.

"ޒީނަތު ފަހުން އިން މަޒުހާރު ޚާނާ އެކީ ކައިވެނީގެ ކުރިން ވަރަށް ގިނަ ދުވަހު އެކީގައި އުޅުނު. އެކަމަކު އެ ކައިވެނިވީ ބޮޑު ޖަހަންނަމައަކަށް،" މުމްތާޒު ބުންޏެވެ. "އެހެންވެ ކައިވެންޏާ ގުޅޭ ގޮތުން ވާހަކަ ދައްކާކަށް އަދި ބަޔަކަށް ނަސޭހަތެއް ދެވޭ ވަރުގެ މީހެއް ނޫން ޒީނަތަކީ."

މުމްްތާޒުގެ އެ ވާހަކައާ ގުޅިގެން ޒީނަތު ބުނީ އޭނަގެ ކުރީގެ ކޮލީގުންނަށް ރައްދު ދޭން ބޭނުން ނުވާ ކަމަށާއި ހިޔާލު ވެސް އެއްގޮތް ވާން ނުޖެހޭ ކަމަށެވެ.

ޒީނަތުގެ ވާހަކަތަކާ ގުޅިގެން ކުރީގެ ބަތަލާ އަދި އެކްޓަރު ދިލިޕް ކުމާރުގެ ހުވަފަތް އަންހެނުން ސާއިރާ ބާނޫ ވެސް ބުނީ ކައިވެނީގެ ކުރިން ލޯބިވެރިން އެކަކު އަނެކަކު ދަސްކުރަން އެކީގައި އުޅުމަކީ އޭނަ ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"ފަހަރުފައި ވެދާނެ އަހަރެމެން މިހާރު އެހާ އުމުރުން ދުވަސްވެފައި ތިބީމަ ހިޔާލު ވެސް މުސްކުޅީ ކަމަށް." މުމްތާޒްގެ ވާހަކަ އަށް ބާރުދީ ސާއިރާ ބުންޏެވެ.

ސުޕަހީރޯ ޓީވީ ސިލްސިލާއެއްގެ ގޮތުގައި ގެނެސްދިން "ޝަކްތީމާން" ގެ އެކްޓަރު މުކޭޝް ކަންނާ ވަނީ ވަރަށް ސީދަލަށް ޒީނަތަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ. އޭނަ ބުނީ ޒީނަތުގެ މުޅި ހަޔާތް ބިނާވެފައި އޮތީ ހުޅަނގުގެ ވައްޓަފާޅި އަށް ކަމަށާއި ޒީނަތު ޕްރޮމޯޓްކުރަން އުޅޭ ލިވް-އިން ރިލޭޝަންޝިޕަކީ އިންޑިއާގެ އާދަކާދަތަކާއި ސަގާފަތް ދަންނަ ކަމެއް ނޫން ކަމަށެވެ.

"އެހެންވެ ހުޅަނގުގެ ސަގާފަތަކަށް ހިތްވަރުދީ އެކަން އިންޑިއާގައި ޕްރޮމޯޓްކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." މުކޭޝް ބުންޏެވެ.

ހިންދީ ސިނަމާގައި 70 އަހަރުތަކުގައި ވިދި ޒީނަތީ ހުޅަނގުގެ ފެޝަން ސްޓައިލް ބޮލީވުޑަށް ގެނެސްދިން ބަތަލާ އެވެ. މިހާރު ވެސް މަދުމަދުން ފިލްމީ މަސައްކަތް ކުރަމުން އަންނަ ސްޓައިލިޝް ބަތަލާ އަކީ މިހާރު އިިންސްޓަގްރާމްގައި ވެސް ވަރަށް އެކްޓިވްކޮށް އުޅޭ މީހެކެވެ.