Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

މިއަދުގެ އިންތިހާބުން އެމްޑީޕީ މޮޅުވާނެ: އިބޫ

މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބުން އެމްޑީޕީ މޮޅުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ހުރި ފޮއްޓަކަށް ވޯޓް ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވުވީ މި އިންތިހާބުގައި ވަކިން ހާއްސަކޮށް ބޮޑެތި އާބާދީތަކުން އެމްޑީޕީން ކުރި ހޯދާނެ ކަމަށެވެ. އަދި ޖުމްލަކޮށް ކުދި ރަށްތަކާ އެކީ އެމްޑީޕީ މޮޅުވާ ތަން މިއަދު ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އިބޫ އިތުރަށް ވިދާޅުވީ މި އިންތިހާބަކީ ސަރުކާރުން ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެންނާއި މުވައްޒަފުންނަށް ބިރު ދައްކައިގެންވޯޓަށް ނުފޫޒު ފޯރުވައިގެން ކުރިމަތިލާން ޖެހުނު އިންތިހާބެއް ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ވެސް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ވަނީ އިންތިހާބާ ގުޅޭ ޝަކުވާތަކަށް ހާއްސަ ނަމްބަރެއް ވެސް ކަނޑައަޅައިފަ އެވެ. އެއީ 7391637 އެވެ.

ހެނދުނު 8:00 އިން ފެށިގެން ވޯޓްލުން ކުރިއަށްދާ އިރު، މިކަން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ވިހި ވަނަ މަޖިލީހުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.