Last Updated: December 13, 17:38
Friday, December 13, 2024
ދުނިޔެ

ހުއްޓާ ނުލައި 60 ގަޑިއިރު ރާޒުވާ ކުޅެފި، ރެކޯޑެއް!

ހުއްޓާ ނުލައި 60 ގަޑިއިރު ވަންދެން ރާޒުވާ ކުޅެ، ނައިޖީރިއާގެ ރާޒުވާ ޗެމްޕިއަން ޓުންޑޭ އޮނަކޯޔާ ރެކޯޑެއް ހަދައިފި އެވެ.

އޭނަ މި ރެކޯޑް ހެދީ އެމެރިކާގެ ނިއު ޔޯކްގެ ޓައިމްސް ކުއާގައި ކުރިއަށް ގެންދިޔަ ރާޒުވާ މެރަތަންއެއްގަ އެވެ. ނަމަވެސް ރެކޯޑް އަދި ގިނިސް ވޯލްޑުން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ. ނަމަވެސް އޮނަކޯޔާ ވެފައި ވަނީ ހުއްޓާލައި އެންމެ ގިނައިރު ރާޒުވާ ކުޅުނު މީހާ އަށްވެފަ އެވެ.

އޭނަގެ އެ ރެކޯޑް ގިނިސް އިން ވަރަށް އަވަހަށް ކަށަވަރުކޮށް ދޭނެކަމުގެ އުންމީދު ބޮޑެވެ. ރާޒުވާ މެރަތަންގައި އޮނަކޯޔާއާ އެކީ ކުޅުނީ އެމެރިކާގެ ރާޒުވާ ޗެމްޕިއަނެއް ކަމަށްވާ ޝޯން މާޓިނޭޒެވެ.

އޮނަކޯޔާގެ މި ރާޒުވާ މެރަތަން އަކީ އެފްރިކާ ބައްރުގައި ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދޭން ކުރާ މަސައްކަތްތަކަށް ފަންޑް ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެކެވެ. ކުޑަކުދިންގެ ތައުލީމަށް ވަކާލާތު ކުރަމުން އަންނަ އޮނަކޯޔާ، 29، ގެ އަމާޒަކަށްވެފައި އޭނަ "އޮނަކޯޔާ" ގެ ނަމުގައި ހިންގަމުން އަންނަ ޗެރިޓީ އަށް އޮތީ މަދުވެގެން މިލިއަން ޑޮލަރު އެއްކުރުމެވެ. އެ ޗެރިޓީ އުފެއްދީ 2018 ގަ އެވެ.

ކުރިން އެންމެ ގިނަ އިރު ހުއްޓާލައި ރާޒުވާ ކުޅުމުގެ ރެކޯޑް އޮތީ ނޯވޭ އަށް ނިސްބަތްވާ ހޯލްވާޑް ހޯގް ފްލެޓަބޯ އާއި ޖޫ ފާކިންސްޓަޑަށެވެ. އެ މީހުން ރެކޯޑް ހެދީ 2018 ގަ އެވެ. އެއީ ހުއްޓާ ނުލައި 56 ގަޑިއިރާއި 9 މިނިޓާއި 37 ސިކުންތަށް ކުޅެގެންނެވެ.