Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

263 މަރުކަޒެއްގައި ހުރި ވޯޓު ފޮށިތައް ދަނީ އޮބްޒާވް ކުރަމުން

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 263 މަރުކަޒެއްގައި ބަހައްޓާފައިހުރި ވޯޓު ފޮށިތައް އޮބްޒާވް ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމްއިން ބުނެފައިވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު ގްރޭޓާމާލޭގެ އިތުރުން 18 އަތޮޅެއްގެ 35 ރަށަކާއި، 1 ޖަލެއްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް އޮބްޒަރވްކުރުމަށް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގެ 93 ވޯޓުލާ މަރުކަޒަކާއި، ގުރޭޓާ މާލޭގެ 168 ވޯޓުލާ މަރުކަޒަކާއި، ޖަލުގެ 2 މަރުކަޒެއް ހިމެނޭގޮތުން ޖުމްލަ 263 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް އޮބްޒާވް ކުރާނެ ކަމަށް އެޗްއާރްސީއެމްއިން މައުލޫމާތުދެއެވެ.

އެޗްއާރްސީއެމްއިން ބުނެފައިވަނީ އަތޮޅުތެރޭގެ 23 މަރުކަޒަކާއި، ގުރޭޓާ މާލޭގެ 16 މަރުކަޒަކާއި، މާފުށީ ޖަލުގައި ބެހެއްޓޭ ވޯޓު މަރުކަޒު ހިމެނޭގޮތަށް މެދުކެނޑުމެއްނެތި ހެނދުނު 6:30 ފެށިގެން ނަތީޖާ އިއުލާންކޮށް ނިމެންދެން 40 މަރުކަޒެއް އޮބްޒާވްކުރާނެ ކަމަށެވެ. މީގެ އިތުރުން، އެކިއެކި ވަގުތުތަކުގައި މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން އަތޮޅުތެރޭގެ 70 މަރުކަޒަކާއި ގްރޭޓާމާލޭގެ 152 މަރުކަޒަކާއި މާފުށީ ޖަލު ހިމެނޭގޮތަށް 223 މަރުކަޒެއް ގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް އޮބްޒާވް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

މި މަސަތްކަތަށް އެކިރަށްރަށުން ނަގާފައިވާ 25 ލޯންގް ޓާރމް އޮބްޒާވަރުންނާއި އެޗްއާރްސީއެމްގެ 73 މުވައްޒަފެއް ހަރަކާތްތެރިވަމުދާ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީލު 05:30 އަށެވެ. މަޖިލީހުގެ އިންތިޚާބުގައި ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. ޖުމުލަ 368 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރާއިރު ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެއެވެ.