Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

ވޯޓުލުމުގެ ކަންކަން ދަނީ އަމާންކޮށް: އެޗްއާރްސީއެމް

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ދަނީ އަމާންކޮށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަނޑައެޅިފައިވާ ވަގުތުގައި ވޯޓުލާން ފެށިފައިވަނީ 77 ޕަސެންޓު މަރުކަޒެއްގައި ކަމަށާއި މައިގަނޑު ގޮތެއްގައި ވޯޓުލާން ފެށުން ލަސްވެފައިވަނީ އޮފިޝަލުން ވާން ޖެހޭ ތައްޔާރީތައް ވުމަށް ލަސްވުމުގެ ސަބަބުން ކަމަށެވެ.

އޮބްޒާވް ކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓުލުން ފެށިފައިވަނީ 8:35 ގައި ކަމަށާއި ހުރިހާ ވޯޓުލާ ސަރަހައްދެއްގައި ވެސް މަރުކަޒު ފާހަގަވާ ގޮތަށް ދާންވާ މަގު އަންގައިދިނުމަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

"މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައެއް ނުވޭ. ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދޭ،" އެޗްއާރްސީއެމް އިން ބުނެ އެވެ.

ވޯޓްލުން ފެށީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާ އިރު، މި ފަހަރު ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބެހެއްޓީ ތިން ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގެ 93 ދާއިރާ އަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.