Last Updated: May 3, 20:26
Friday, May 3, 2024
ޚަބަރު

ވޯޓުލާ ސަރަހައްދުތަކުގައި ކެމްޕޭނު ނުކުރަން އެދިއްޖެ

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ ސަރަހައްދުތަކުގައި ކެމްޕޭނު ނުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެދިއްޖެ އެވެ.

އެޗްއާރްސީއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވޯޓުލުމަށް ކިއުގައި ތިބޭއިރު އާންމު މަސްލަހަތު ގެއްލޭ ފަދަ ކަމެއް ނުކުރުމަށާއި، ވޯޓުލާ މަރުކަޒާއި ސަރަހައްދުގައި ކެންޕެއިން ކުރުންފަދަ ވޯޓުލާ ދުވަހު ކުރުން މަނާ ކަންތައްތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެތެރޭގައި ހިމެނެނީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހަކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މީހުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު މެންދުރު 3 ޖެހުމާ ހަމައަށް 160،158 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 56 ޕަސެންޓް މީހުންނެވެ.