Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

މި ހުޅުވެނީ ޑިމޮކްރަސީގެ އާ ސޮފުހާއެއް: ޝަހީމް

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް އިއްޔެ ބޭއްވި ރައްތުޔިންގެ އިންތިހާބުން ލިބުނު ސުޕަ މެޖޯރިޓީއާ އެކީ ރާއްޖޭގައި ހުޅުވިގެން މި އަންނަނީ ޑިމޮކްރަސީގެ އާ ސޮފުހާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެެވެ.

އެ ބޮޑު ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވެސް ވިދާޅުވެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ވެރިކަން ހިންގަން ޖެއްސުންކުރުމާއި ދުއްތުރާކުރުމާއި ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ދެން ނިމުނީ ކަމަށެވެ.

"ރާއްޖޭގެ ދިމިޤުރާޠީ ހަޔާތުގައި ހުޅުވިގެން މި ދަނީ މުޅިން އާ ޞަފްޙާއެއް. ރައީސް ޑރ މުއިއްޒުގެ ޤައުމީ ވިސްނުމަށް އޮތް ތާއިދު ފެނިގެން މި ދަނީ،" ޝަހީމު ވިދާޅުވި އެވެ. މަރުޙަބާ ރައީސް ޑރ މުއިއްޒު."

ވިހި ވަނަ މަޖިލީހުހެ މެޖޯރިޓީ ސަރުކާރުން ކަށަވަރުކުރި އިރު، ޝަހީމަކީ މިހާރު އޮތް މަޖިލީހުން ރުހުން ނުދިން ވަޒީރެކެވެ. ދެ ފަހަރަށް މިނިސްޓަރަށް ރުހުން ހޯދަން ރައީސް މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ނަމަވެސް، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނި އެކަން ބޮލާލާ ޖަހައިފަ އެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުނީ ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ޔަގީންކަމާ އެކީ ބުނަމުން ދަނިކޮށެވެ. އެގޮތުން އެންމެ ބޮޑު ޕާޓީން އެމްޑީޕީން ބުނަމުން ދިޔައީ، ސަރުކާރަށް އެއްވެސް ތާއިދެއް ނެތްކަން އިއްޔެގެ އިންތިހާބުން ރައްޔިޔުން ދައްކުވައި ދޭނެ ކަމަށެވެ.

ނަމަވެސް ނަތީޖާ ނުކުތް ގޮތަށް ބަލާ އިރު، އިއްޔެ މަޖިލިސް އިންތިހާބަކީ އެމްޑީޕީ އަށް "ލަދުވެތި" ނަތީޖާއަކާ ކުރިމަތިލާން ޖެހުނު އިންތިހާބަކަށެވެ. އެކަމާ ގުޅިގެން އެ ޕާޓީން ބުނީ "މިއީ މާޔޫސްކުރުވަނިވި ނަތީޖާއެއް" ކަމަށެވެ.