Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

އަޅުގަނޑު ވާނީ ތެދުވެރި، އަމާނާތްތެރި މެންބަރަކަށް

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ދާއިރާގެ ހައްގުގައި މަސައްކަތް ކުރައްވާނީ ތެދުވެރި، އަމާނާތެރި އަދި އިހުލާސްތެރި ދަރިއެއްގެ ހައިސިއްޔަތުން ކަމަށް އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ފޭދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އޭނަ އަށް ލިބިވަޑަތް ކާމިޔާބީއާ ގުޅިގެން ކެމްޕޭނަށް އެހީތެރިކަން ދިން ފަރާތްތަކަށް ޝުކުރު އަދާކުރަން ރޭ ފޭދޫ ކެމްޕޭން އޮފީހުގައި ބޭއްވި ހަފުލާއެއްގައި ފޭދޫގެ މެންބަރުކަން ކުރިން ވެސް ކުރައްވާފައިވާ އައިބީ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު އޭނަ ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށް ވިދާޅުވި އެވެ.

"އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭން ކުރައްވާ ކޮންމެ މަސައްކަތަކަށް އެއްބާރުލުމާއި އެހީތެރިކަން ފުރިހަމަ އަށް ދިނުމުގައި އަޅުގަނޑު ދެމިހުންނާނެކަމުގެ ޔަގީކަން ދެން." ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ބައްޕަ ވިދާޅުވި އެވެ.

އައިބީ ވިދާޅުވި އޭނަގެ ދާއިރާއަށާއި މުޅި ފޭދޫގެ އިތުރުން ޖުމްލަކޮށް މުޅި އައްޑޫގެ ރައްޔިތުންނަށް އަމާނާތްތެރިވެ ވަޑައިގަންނަވާނެ ކަމަށާއި ގައުމަށް ހިޔާނާތްތެރިއަކަށްވެވަޑައި ނުގަންނަވާނެ ކަމަށެވެ.

"ގައުމީ މަސްލަހަތު ހިމެނޭ ކޮންމަ ކަމެއްގައި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި ވަކާލާތު ކުރާނަން." އޭނަ ވިދާޅުވި އެވެ.

ވިހި ވަނަ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ގޮނޑި އައިބީ ކާމިޔާބު ކުރެއްވި އިރު، ކުރިން އޭނަ ފޭދޫ ދާއިރާގެ މެންބަރުން ކުރެއްވީ 18 ވަނަ މަޖިލީހުގަ އެވެ. އެއީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަ އެވެ. ދެހާސް ނަވާރައިގައި ވެސް ބޭއްވި 19 މަޖިލިސް އިންތިހާބުގައި ވެސް އައިބީ ވާދަކުރެއްވި އެވެ.

އެ ފަހަރު ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ނިހާދެވެ. އޭނަ އަކީ މިހާރު ވެރިކަން ކުރާ ޕީއެންސީގެ މެންބަރެކެވެ.