Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

ދިވެހިންގެ އުންމީދުތައް ސާފުވެއްޖެ: އިހުސާން

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ހޯދި ބޮޑު ކާމިޔާބީން ދިވެހިންގެ އުންމީދުތަކަކީ ކޮބައިކަން ސާފުވެއްޖެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ދިވެހިންގެ އުއްމީދުތައް ސާފުވެއްޖެ ކަމަށާއި ބައިބައިވުމާއި ފިތުނަ ފަސާދަ އާއި ސިޔާސީ ހަމަނުޖެހުން ދިވެހިން ބޭނުން ނުވާ ކަމަށެވެ.

"ދިވެހިން އެދެނީ ޤާނޫނު ނަގަހައްޓަން. ދިވެހިން އެދެނީ ހަމަޖެހުމާއި ރައްކާތެރިކަން. ދިވެހިން އެދެނީ މަސްތުވާ ތަކެތިން ސަލާމަތްވާން. ދިވެހިން އެދެނީ ވައްކަމާއި ކޮރަޕްޝަނުން މިންޖުވާން،" އިހުސާން ވިދާޅުވި އެވެ. "ދިވެހިން އެދެނީ ޒަމާނީ ތަރައްޤީ އާއި ފަރުދީ ތަނަވަސްކަން."

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާނީ އެ މަސައްކަތް ކަމަށެވެ.

އިއްޔެ ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާގެ ތެރެއިން 70 އަށް ވުރެ ގިނަ ދާއިރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި މެންބަރުންގެ ތެރޭގައި އިހުސާންގެ ބައްޕަ ފޭދޫ ދެކުނު ދާއިރާގެ ގޮނޑި ހޯއްދެވި އިބްރާހީމްދީދީ (އައިބީ) ވެސް ހިމެނިވަޑައިގަނެ އެވެ.